ސިއްހަތު

ސޯސަންގޭގައި އޭޑީކޭއިން ފުލޫ ކްލިނިކެއް ހުޅުވައިފި


ރާއްޖޭގައި މިދުވަސްވަރު ރޯގާޖެހިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓްތަކަށް ސާމްޕަލް ނެގުންފަދަ ކަންކަން ކުރުމަށް ޚާއްޞަ ފްލޫ ކުލިނިކެއް އޭޑީކޭއިން ހުޅުވައިފިއެވެ. އޭޑީކޭ ކައިރީގައި ހުންނަ ހެންވޭރު ސޯސަންގޭގައި ހުޅުވި މިކުލިނިކުން ހެނދުނު ދިހައަކުން ރޭގަނޑު ދިހައަކަށް ޚިދުމަތް ދެމުން ގެންދަވާނޭކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.

މިކުލިނިކުން  ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމާއި، ބޭސްސިޓީ ދޫކުރުން ފަދަ ޚިދުމަތްތައް ލިބޭނެކަމަށާއި އެޑްމިޓްކުރަންޖެހޭ މީހުން އެޑްމިޓްކުރުން ފިޔަވައި އެހެން ޚިދުމަތްތައް މިކްލިނިކުން ލިބޭނެކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.

img:http://s3.psmnews.mv/images/660x400/14895654992098.jpg|އޭޑީކޭގެ ފުލޫ ކްލިނިކް / ފޮޓޯ: ޕީއެސްއެމް

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޢައްފާލު ވިދާޅުވީ ސޯސަން ގެއިން ބޭސް ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށާއި ބަލި މީހުންނަށް ދޭން ޖެހޭ ޚާއްސަ ބޭސް އެކްލިނިކުން ހިލޭ ދެމުންދާނެކަމަށެވެ.  

އޭޑީކޭގެ އިތުރުން އައިޖީއެމްއެޗުންވެސް ގެންދަވަނީ ތާޖުއްދީން ސްކޫލް ހޯލުގައި ފުލޫ ކުލިނިކެއް ހުޅުވައި ސައުވީސް ގަޑިއިރު ޚިދުމަތްދެއްވަމުންނެވެ. އައިޖީއެމްއެޗްގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވީ މެޑިކަލް އޮފިސަރުންގެ ފެންވަރުގައި ޚިދުމަތްދެއްވާ ޑޮކްޓަރުންގެ އިތުރަށް ސްޕެޝަލިސްޓުންވެސް އެކްލިނުކުން ބައްލަވަމުން ގެންދަވާނެކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ދަނީ ފްލޫއަށް ޚާއްސަ ކްލިނިކެއް ހުޅުއްވައި ފަރުވާދެއްވަމުންނެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުންވެސް ފަރުވާދެއްވަމުންގެންދަވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.