ޚަބަރު

"ޤައުމަށް މުހިއްމު ދާއިރާތަކުން ތަޢުލީމް ހާޞިލުކުރުން މުހިއްމު"


މަތީ ތަޢުލީމު ޙާޞިލްކުރުމުގައި ޤައުމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތައް ބަލައި އެދާއިރާތަކުން ތަޢުލީމް ޙާޞިލްކުރުމަކީ މުހިންމު ކަމެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވޭތުވެދިޔަ އަހަރު މަތީ ސާނަވީ ތަޢުލީމު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ މަތީ ސާނަވީ ތަޢުލީމުން އެއްވަނަ ހޯދަމުންދާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާއިރު ނިމުނު އަހަރު ރެކޯޑް ޢަދަދަކަށް ދަރިވަރުން އެއްވަނަ ހޯދާފައިވާ ކަމަށެވެ. އެގޮތުން ނިމުނު އަހަރު ތިރީސް އަށް ދަރިވަރަކު ވަނީ ފަސްމާއްދާއިން އެއްވަނަ ޙާޞިލްކޮށްގެން އެއްވަނަ ހޯދާފައެވެ.

އެ އިމްތިޙާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދާ ދަރިވަރުންގެ ޢަދަދު ވެސް އިތުރުވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން ނިމުނު އަހަރު އެކާވީސް ސްކޫލަކުން ޖުމްލަ 189 ދަރިވަރަކު އެންމެ މަތީ ދިހަވަނަ ހޯދާފައިވާކަން މިނިސްޓރ ފާހަގަކުރެއްވިއެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރުންނާއި މާލޭގެ ސްކޫލްތަކުން 146 ދަރިވަރުންނެވެ.

" ދުނިޔޭގެ ނިސްބަތުން އެންމެ ރަނގަޅު ދިހަ ނަތީޖާ ޙާޞިލްކުރުމުގައި އަޅުގަނޑުމެންގެ އަށް ދަރިވަރުން ހިމެނޭކަން އަޅުގަނޑު އުފަލާއި އެކު ފާހަގަކުރަން. މި ނަތީޖާތަކުން އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ ކަމަކީ އަޅުގަނޑުމެންގެ ދަރީންނަށް މި ޤައުމުގައި ފޯރުކޯށްދެވޭ ތަޢުލީމުގެ ފެންވަރު މިދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ކުރިއަރަމުން. އަދި އެއީ އެ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އެކި ފެންވަރުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ނަތީޖާކަން." މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރުގެ ވާހަކަފުޅުގައި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތަޢުލީމީ ނިޒާމުގެ ތެރެއިން، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ކުރިމަގު ބިނާކުރުމަށްޓަކައި ސަރުކާރުން ފަހިކޮށްދެމުންދާ ފުރުޞަތުތަކަށް އަލިއަޅުވާލެއްވިއެވެ.

"މިއަދު މިވަނީ ސާނަވީ ފުރިހަމަކުރާ ދަރިވަރުންނަށް މަތީސާނަވީގައި ކިޔެވޭނެ އިތުރު ފުރުޞަތުތަކާއި، ޕާތުވޭތަކެއް ހޯދައިދީފައި. އެ ގޮތުން މިހާރު މިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ބީ-ޓެކް ސްޓްރިމް ތަޢާރަފްކުރެވިފައި. ނަތީޖއެއްގެ ގޮތުން އެކެޑަމީކް ސްޓްރީމްތަކުގައިތަކުގެ އިތުރުން ދަރިވަރުންގެ ޝައުޤާއި ޤާބިލުކަން ދައްކުވައިދޭ އެހެނިހެން ދާއިރާތަކުން ވެސް ދަރިވަރުންނަށް ހަމަ އިގިރޭސިވިޅާތުގެ އެޑެކްސަލުން ފޯރުކޮށްދޭ، ބީޓެކް އޭލެވެކް ޕްރޮގްރާމްތައް އޭލެވެލް ސްޓްރީމެއްގެ ގޮތުގައި ނަގައިގެން އެ ކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް މިއަދު މިވަނީ ސަރުކާރުން މަގުކޮށްޓަވައިދެއްވާފައި" މިނިސްޓަރ ވިދާޅުވިއެވެ. 

ބަވަނަވަމުންދާ ދުނިޔޭގައި ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުތަކާއިމެދު ވިސްނައި ފިކުރުކުރުމަކީ މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އަޅުގަނޑުމެންގެ މާދަރީބަހުގެ އިތުރުން އެހެން ބަހަކުން ވާހަކަދެއްކުމުގެ ހުނަރާއި އެހެން މީހުންނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރަކީ ދަރިވަރުންނަށް މުހިންމު ހުނަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.