ޚަބަރު

ބައެއް ވޯޓް ފޮށި ނުބަހައްޓާތީ އަލުން ރަޖިސްޓްރީ ކުރަނީ


ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދު ހަމަނުވުމުން ނުބަހައްޓަވާގޮތަށް ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރި މީހުން އަލުން ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.

ރަޖިސްޓްރީވާންޖެހޭ އަދަދަށް މީހުން ރަޖިސްޓްރީ ނުވުމުން ވޯޓް ފޮށި ނުބެހެއްޓެވުމަށް ނިންމާފައިވަނީ ސިނާއީ މަސައްކަތްކުރާ ސަރަޙައްދުތަކުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސެވި ވޯޓު ފޮށިތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސެވި ވޯޓުފޮށްޓާއި، އިންޑިއާގެ ޓްރިވެންޑްރަމްގައި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ވޯޓު ފޮށީގެ އިތުރުން، ސާދަ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖެއްސެވި ވޯޓު ފޮށިތަކެވެ.

މި ތަންތަނަށް ރަޖިސްޓްރީވީ މީހުން އަލުން އެހެންތަނަކަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ. އަދި އެ މުއްދަތުގައި ރަޖިސްޓަރީ ބަދަލުނުކޮށްފިނަމަ އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ތަންތަނުގައި ބަހައްޓަން އޭރު ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށްވެސް އިލެކްޝަންސް އިން ވިދާޅުވެއެވެ.