ކުޅިވަރު

އެޓޭކް - ޤައުމީ ވޮލީ ޓީމްގެ އެންމެ ބޮޑު ހަތިޔާރު!


ރަން މެޑަލް ހޯދުމުގެ އަޒުމުގައި މިމަހު އަމިއްލަ ޤައުމުގައި ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕާ ކުރިމަތިލާނެއެވެ. މުބާރާތާއި ކުރިމަތިލާއިރުވެސް އަދި މިދިޔަ އަހަރުތަކުގައިވެސް ޤައުމީ ޓީމް އޮތީ އެންމެ ފުރިހަމައަކަށެއް ނޫނެވެ. ހުރިހާ ޑިޕާރޓްމަންޓެއް ކޯޗިންގ ޓީމް ހިތްހަމަ ޖެހޭވަރަށް ވަރުގަދައެއް ނޫނެވެ. ނަމަވެސް ކުރިއަށް އޮތް މުބާރާތާއި ކުރިމަތިލާއިރުވެސް އަދި މިދިޔަ ތިން ހަތަރު އަހަރަށް ބަލާއިރުވެސް ޓީމްގެ އިތުބާރު ވަރަށް ބޮޑަށް ވަރުގަދަކޮށްދީ، ކުޅުންތެރިންނަށްވެސް ހިތްވަރު ގެނެސްދޭ ޑިޕާރޓްމަންޓަކީ އެޓޭކެވެ.

ކޯޗު މުޙައްމަދު ޝަރަފް ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ވޮލީ ޓީމްގެ އެޓޭކް ވެގެންދަނީ ތަންކޮޅެއް ބަލި ނުވަތަ އެންމެ ރަނގަޅު ނޫން ޑިޕާރޓްމަންޓްތަކުގެ ބަލިކަންވެސް ފޫބައްދައިދޭ ޑިޕާރޓްމަންޓަކަށެވެ. ތަންކޮޅެއް ބަލި ޑިޕާރޓްމަންޓްތަކުން ގެއްލިގެންދާ ޕޮއިންޓްތަކުގެ ބަދަލުގައި ޕޮއިންޓް ހޯދައިދީ މުޅި ޓީމަށް ހިތްވަރު ގެނެސްދެނީ އެޓޭކަށް ކުޅޭ ކުޅުންތެރިންނެވެ.

" އެއްވެސް ޝައްކެއް ނެތް އަޞްލު އަޅުގަނޑުމެންގެ ޤައުމީ ޓީމްގެ އެންމެ ބޮޑު ސްޓްރެންތަކީ އަޅުގަނޑުމެންގެ ކައުންޓަރ އެޓޭކަރުން. އެހެންވީމަ އަޅުގަނޑުމެންގެ ޓީމްގެ އެހެން ބަލިފައިތައް ފޫބައްދަން އޮތް ތަނަކީ އަޞްލު އެޓޭކަރުން. އަޅުގަނޑުމެންގެ އެޓޭކަކީ މިމުބާރާތުގައި ފެނިގެންދާނެ ހަމަ އެންމެ ރަނގަޅު އެއް އެޓޭކޭ އަޅޫގަނޑު ދަންނަވާނީ " ކުރިއަށް އޮތް މުބާރާތުގައި ވާދަކުރާ އެހެން ޓީމްތަކުގެ އެޓޭކަށްވުރެ ރާއްޖޭގެ އެޓޭކްތައް ވަރުގަދަވާނެކަން ފާހަގަކުރަމުން ޝަރަފް ބުންޏެވެ.

ރާއްޖޭގެ އެޓޭކްގައި ލީޑް ކުރަން ތިބީ އިސްމާއީލް ސާޖިދު ( ކުޑަކާއްޓޭ ) އާއި ޒުވާން ކުޅުންތެރިޔާ އަލީ ހުޒާމެވެ. ކޯޗު ޝަރަފް ޤަބޫލުކުރާ ގޮތުގައި އިސްމާއީލް ސާޖިދު އަކީ މިޞަރަހައްދުގައިވެސް ހުރި އެންމެ ފާހަގަކުރެވޭ އެއް އެޓޭކަރެވެ. އަލީ ހުޒާމަކީ އިސްކޮޅުން ތަންކޮޅެއް ކުރުނަމަވެސް ހުނަރުގެ ގޮތުން ބަލާއިރު އާދަޔާ ޚިލާފް މޮޅު ކުޅުންތެރިއެއްކަމަށް ކޯޗު ޤަބޫލުކުރެއެވެ. އަދި އޭނާގެ ސްޕީޑާއި، އިސްމާއީލް ސާޖިދުގެ ތަޖުރިބާއާއި ބާރު ބޯޅަތަކުގެ ފައިދާ ރާއްޖޭގެ ޓީމަށް ވަރަށް ބޮޑަށް ކުރާނެކަމަށް ކޯޗު އުއްމީދުކުރެއެވެ.

މީގެއިތުރުން އެދެ ކުޅުންތެރިންނާ ވާދަކުރަން ނުވަތަ ބެންޗުން އަރަން ތިބި ކަވަރުންގެ ގޮތުގައި މަސައްކަތްކުރާ އެހެން އެޓޭކަރުންނަކީވެސް މޮޅު، ތަޖުރިބާ ބޮޑު ކުޅުންތެރިންނެވެ. އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އާއި އަޝްފާޤް އާދަމް (އައްކަޅޭ) ފަދަ ކުޅުންތެރިންވެސް މިމުބާރާތުގައި ރަނގަޅު ފެންވަރަކަށް ކުޅޭނެ ކުޅުންތެރިންކަމާމެދު ޝަރަފް ޝައްކެއް ނުކުރެއެވެ. އެއީވެސް ކޯޗިންގ ޓީމަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. 

އެސިސްޓެންޓް ކޯޗު މުޙައްމަދު ސާޖިދުވެސް ބުނީ ކުރިއަށް އޮތް މުބާރާތުގައި ވާދަކުރާ ޓީމްތަކަށް ބަލާއިރު އެންމެ ވަރުގަދަ އެޓޭކެއް އޮތީ ރާއްޖޭގެ ޓީމްގައި ކަމަށެވެ. 

" ރާއްޖެ ޓީމްގައި އަޅުގަނޑަށް ސުވާލު އުފައްދާލަންވެސް މިއޮތީ ހަމައެކަނި ރިސީވްއާއި ޑިފެންސާ. އެންމެ ރަނގަޅު އެޓޭކް، އެންމެ ޕަވަރ އެޓޭކްކުރާ ކުޅުންތެރިން ތިބީ ރާއްޖެ ޓީމްގަ. " ކުރީގެ ކެޕްޓަނަށްވެސް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި ޓީމްގެ އެޓޭކެވެ.

ދިވެހިންގެ އުއްމީދަކީ، އަދި ވޮލީ އާއިލާގެވެސް އުއްމީދަކީ ރާއްޖޭގެ އެޓޭކަރުންގެ ބާރު ބޯޅަތަކާއެކު ދިވެހި ޓީމަށް ޕޮއިންޓްތައް ހޯދައިދިނުމެވެ. އެޕޮއިންޓްތަކުގެ އެހީގަ ރާއްޖޭގައި ކުޅޭ މުބާރާތުގެ ތަށި ރާއްޖޭގައި ބަހައްޓާ، ފުރަތަމަ ރަން މެޑަލް ހޯދުމެވެ.