ޚަބަރު

އެއްވެ އުޅުމުގެ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށްފި


ވައިރަލްހުމާއި އަރުދަފުސް ރޯގާ ހަލުވިކަމާއިއެކު ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުންނާއި ރޯގާފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެއްވެއުޅުމާއި އެފަދަ ޙަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭ އިން އިލްތިމާޒްކުރަށްވައިފިއެވެ.  

އެޗް.ޕީ.އޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ރޯގާފެތުރުން ކޮންޓްރޯލްކުރުމަށް އާއްމުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. މިގޮތުން ސްކޫލްގެ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އިތުރު ޙަރާކާތައް ނުބޭއްވުމަށާއި، އަދި އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން އެކިބޭނުންތަކުގައި ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ ޤައުމުތަކުގައިވެސް މިފަދަ ރޯގާތައް ފެތުރެމުންދާތީ، ކޮށްމެހެން ކުރަންޖެހިގެން ނޫނީ އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރުމަށާއި، ދަތުރު ކުރުމުގައި ރައްކާތެރި ފިޔަވަޅުއެޅުމަށް މި ނޫސްބަޔާނުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރޯގާއާއި ވައިރަލްހުމުން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމުގެ އިތުރުން، ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ފަދަ ބަލިމީހުން އެއްވާ ތަންތަނަށް ޒިޔާރަތް ނުކުރުމަށްވެސް އެޗް.ޕީ.އޭގެ ނޫސްބަޔާނުގައިވެއެވެ. ރާއްޖެއަކީ ހިމަ ބިހި ނައްތާލެވިފައިވާ ގައުމެއްކަމުގައި ހެދުމަށް މިދިޔަ ފެބުރުއަރީމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ފެށްޓެވި ހިމަބިއްސާއި ރުބެއްލާ ވެކްސިން ޕްރޮގްރާމްވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައްވާފައެވެ.