އާއިލާގެ ތެރެއިން ކުޅިވަރުގެ ޝައުޤު އުފެދި، އާއިލާގައި ކުޅުންތެރިން ގިނަވުމަކީ އާ ކަމެއް ނޫނެވެ. ރާއްޖޭގައިވެސް މިކަން އެބައޮތެވެ. އެއްބަނޑު އެއްބަފާ ކުޅުންތެރިން ރާއްޖޭގެ ޤައުމީ ޓީމްތަކުގައިވެސް ތަމްޘީލްކުރެއެވެ. ސީނިއަރ ޤައުމީ ވޮލީ ޓީމްގައިވެސް އެފަދަ ކުޅުންތެރިން އެބަތިއްބެވެ.
ނަމަވެސް އެއް މާބަނޑު ދެބެން އެކުގައި ޤައުމީ ޓީމަކަށް ކުޅުމަކީ މަދުން ނޫނީ ފެންނަ ކަމެއް ނޫނެވެ. ޚާއްޞަކޮށް އެކުގައި ކުޅެލަން ދެ ކުޅުންތެރިންނަށް ފުރުޞަތު ލިބި ޤައުމީ ޓީމާއެކު ދަތުރުކޮށް، އެކުގައި ވަގުތުތައް ހޭދަކޮށް އުޅުމަކީ މަދު ފުރުޞަތެކެވެ. ރާއްޖޭގައި ތިބީ މިފަދަ ދެ ކުޅުންތެރިންނެވެ.
އެދެ ކުޅުންތެރިން ނިސްބަތްވަނީ ސީނިއަރ ޤައުމީ ވޮލީ ޓީމަށެވެ. 23 އަހަރުގެ އާދަމް ފައިރޫޒާއި، އަހުމަދު ފާޒިލްއަށް ކުރިއަށް އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ޚާއްޞަވަނީ ދެ ކުޅުންތެރިން އެކުގައި ޤައުމީ ޓީމް ތަމްޘީލްކުރަން ލިބޭ ފުރަތަމަ ފުރުޞަތަށް މިފުރުޞަތު ވުމުންނެވެ. 18 އަހަރުގައި ޖޫނިއަރ ޤައުމީ ސްކޮޑުން ފުރުޞަތު ލިބެން ފެށި ފަހުން، ސީނިއަރ ސްކޮޑުން ދެ ކުޅުންތެރިންނަށްވެސް އައީ ޖާގަ ލިބެމުންނެވެ. ނަމަވެސް އަބަދުވެސް ފުރުޞަތު ލިބެމުން އައީ އެއް ކުޅުންތެރިއަކަށެވެ. އެކުގައި ދެ ކުޅުންތެރިން ޓީމްގައި ނުހިމެނު ނަމަވެސް ދެ ފަހަރެއްގެ މަތީން ޓްރެއިނިންގ ކޭމްޕްގައި ޓީމާއެކު ދިއުމުގެ ފުރުޞަތު ދެ ކުޅުންތެރިންނަށް އެކުގައި ލިބުނެވެ.
ކުރިއަށް އޮތް އުއްމީދު ބޮޑު މުބާރާތަށް ދިވެހި ޓީމް ކުރިމަތިލާއިރު ދެ ކުޅުންތެރިންވެސް ތިބީ ޓީމްގައެވެ. ތައިލެންޑްގައި ތަމްރީން ހޯދަމުންދާ ޓީމްގައި ދެ ކުޅުންތެރިންވެސް ހިމެނެއެވެ. މިއީ ދެ ކުޅުންތެރިންނަށްވެސް ޚާއްޞަ އުފަލެކެވެ. އާދަމް ފައިރޫޒް މުޙައްމަދު ބުނީ ރާއްޖޭގައި މިމަހު އޮންނަ މުބާރާތާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށާއި، ބޭނުންވަނީ ރަން މެޑަލް ކަމަށެވެ. އަދި ދެބެން އެކުގައި ޓީމްގައި ހިމެނި ރަން މެޑަލް ލިބުން ވެގެންދާނީ ޚާޢްޞަ އުފަލަކަށް ކަމަށް އޭނާ ބުންޏެވެ.
" ދެ މީހުން އެކުގަ ނޫނަސް ގޯލްޑަކަށްދާން ވަރަށް ބޮޑަށް ބޭނުންވެފަ މިތިބީ. އަދި ދެ މީހުން އެކީގަ ވީމާ ވަރަށް ބޮޑަށް އުފާވޭ. ލިބޭނެ އިންޝާ ﷲ " އެޓޭކަރަކަށް ކުޅެމުން އަންނަ އުއްމީދީ ކުޅުންތެރިޔާގެ އުއްމީދުތައްވެސް ބޮޑެވެ.
img:http://s4.psmnews.mv/images/660x400/14895425302982.jpg|ދެ ބެން އެކުގައި ޓީމްގެ ޕްރެކްޓިސްގައި
ފުރަތަމަ ޤައުމީ ޓީމުން ޖާގަ ލިބުން އާދަމް ފާޒިލް މުޙައްމަދު މަނިކު ބުނީ އިސްމާއީލް ސާޖިދުއާއި، އަލީ ހުޒާމްއާއި، އަޝްފާޤް ފަދަ ކުޅުންތެރިންނާއެކު މިހާރު އޮތީ ވަރުގަދަ ސްކޮޑެއްކަމަށާއި، ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި ކުރެވޭ އުއްމީދުވެސް ބޮޑު ކަމަށާއި، ދެބެން އެކުގައި ޓީމްގައި ހިމެނުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
" ވަރަށް ބޮޑަށް ހިތްހަމަޖެހޭ ދެ މީހުން އެއްކޮށް ކުޅެން ޖެހޭތީ. މިވަރުގެ ބޮޑު އުފަލެއް ނުލިބޭނެ ކަންނޭންގެ. ރާއްޖޭގެ ޓީމް މެޑަލްއެއް އަޅަން ނިކުންނައިރު ޓީމްގައި ހިމެނުން. އަޅުގަނޑު ވަރަށް އުފާވޭ " ބްލޮކަރަކަށް ކުޅެމުން އަންނަ ފާޒިލްގެ ޔަޤީންކަން ބޮޑެވެ.
މިދެ ކުޅުންތެރިނަކީވެސް އަހަރުތަކެއް ކުރިން ގާތުން ބަލަމުން އައި ޕޫލްތަކުގައިވެސް ގެން ގުޅުނު އުއްމީދީ ދެ ކުޅުންތެރިންކަމަށް ކޯޗު މުޙައްމަދު ޝަރަފް ބުންޏެވެ. ޝަރަފް ބުނީ މިހާރު ޤައުމީ ޓީމްގައި އެހާ މުޙިންމު ދައުރެއް ނެތް ނަމަވެސް އެ ދެކުޅުންތެރިންނަކީވެސް ކުރިމަގުގައި ޓީމްގެ މުޙިންމު ދެ ކުޅުންތެރިން ކަމަށެވެ. އެ ދެކުޅުންތެރިންގެ ޝައުޤުވެރިކަންވެސް ނުހަން ބޮޑުވެފައި، އާއިލާގެ ސަޕޯރޓްވެސް ބޮޑުވުމުން ދެ ކުޅުންތެރިންގެ ކުރިމަގު ވަރަށް އުޖާލާކަމަށް ޝަރަފް ޤަބޫލުކުރެއެވެ.
" މިހާރު މިވަގުތަށް ބަލާއިރު ޤައުމީ ޓީމް ތެރޭގައި އެދެކުޅުންތެރިންގެ ޕާފޯމަންސް ނުފެނުނު ނަމަވެސް މުސްތަޤްބަލްގައި ރާއްޖެއަށް ވަރަށް ފައިދާކުރަނިވި ދެ ކުޅުންތެރިން އެއީ. އިސްކޮޅުން ދިގު ވޮލީގެ ހުނަރު ހުރި ދެ ކުދިން އެ ދެކެދިންނަކީވެސް އެއީ. " ދެ ކުޅުންތެރިންނަށް އެކުގަ ޓީމުން ފުރުޞަތުދިން ކޯޗު ބުންޏެވެ.
ކުރިމަގުގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްގެ މުޙިންމު ދެ ކުޅުންތެރިންގެ ގޮތުގައި ފެނިގެންދާނެ އެއްމާބަނޑު ދެބެންގެ އުއްމީދަކީ އެކުގައި ޓީމްގައި ހިމެނުނު ފުރަތަމަ މުބާރާތުން ރަން މެޑަލް ހޯދުމެވެ. ޚާއްޞަކޮށް ރާއްޖޭގައި ކުޅޭ މުބާރާތުން ރަން މެޑަލް ހޯދާ ކުރިމަގަށް އިތުބާރު ބޮޑުކުރުމެވެ. ދެ ކުޅުންތެރިންގެވެސް އުއްމީދު ބޮޑެވެ.