ދުނިޔެ

ލަންކާ ފަޅުވެރިންތަކަކާއެކު ބޯޓެއް ހައިޖެކްކޮށްފި !


ސޯމާލިއާގެ އައްސޭރި ފަށާ ކައިރިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް ސޯމާލިއާގެ ޕައިރެޓުން ހައިޖެކްކޮށްފިއެވެ. އަރިސް 13 ނަމަކަށް ކިޔާ މިބޯޓަކީ ގްރީސްގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ހާމަކުރާގޮތުގައި މިބޯޓުގެ ޙަބަރެއް އެންމެފަހުން ވެފައިވަނީ ސޯމާލިއާގެ އަލޫލާ ކައިރިންނެވެ.  

"އުޅަނދު ވަނީ ހައިޖެކްކޮށްފައި. އެ އުޅަނދު ވަނީ އެހެން ސަރަހައްދަކަށް ގޮންގޮސްފައި" އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްގެ ތަރުޖަމާނެއް ބުންޏެވެ. ނަމަވެސް މިބޯޓު ހައިޖެކްކޮށްފައިވަނީ ޕައިރެޓުންކަމަށް ބުނުމަށް އަދި އަވަސްކަމަށާއި، އެއްވެސް ފައިސާއެއް ހޯދުމަށް ހައިޖެކްކުރި ފަރާތުން އަދި އެދިފައިނުވާކަމަށްވެސް އޭނާ ބުންޏެވެ. 

ކަނޑުގެ ސަލަމާތާއި ހަމަޖެހުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ކަނޑުގެ ގުޅިފައިވާ ލަޝްކަރުގެ ހަނގުރާމަ މަތީ މަނަވަރެއް މިބޯޓު ހޯދުމުގެ މަސައްކަތްކުރުމަށް މިހާރު ސޯމާލިއާ ކައިރިއަށް ދަތުރު ވަނީ ފަށާފައެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތައް ހިމެނޭ ލަޝްކަރެކެވެ.

ހައިޖެކްކުރި ބޯޓު ތެޔޮ ހިފައިގެން ދަތުރުކުރަމުންދިޔައީ އެފްރިކާގެ ޖިބޫޓީން ފުރައިގެން ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށެވެ. ސްރީލަންކާގެ ޝިޕިންގ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ މިބޯޓަކީ މިދިޔަ އަހަރުގެ ޖެނުއަރީމަހާ ހަމައަށް އެޤައުމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. އަދި ފަހުން އޭގެ ރަޖިސްޓްރީ ވަނީ އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ ކޮމޮރޯސްއަށް ބަދަލުކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14895128037228.jpg|ހައިޖެކްކުރި ކަމަށް ބެލެވޭ "އަރިސް 13" ތެޔޮ ޓޭންކަރު / މިބޯޓުގައި ލަންކާގެ 8 ފަޅުވެރިޔަކު ތިބިކަމަށް ބެލެވޭ

ޙަބަރުތައް ބުނާގޮތުން މިބޯޓު ހައިޖެކްކޮށްފައިވަނީ ސްރީލަންކާގެ 8 ފަޅުވެރިޔަކާއެކުއެވެ. އަދި އިތުރު ޤައުމުތަކުގެ ފަޅުވެރިން ތިބީތޯ ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ސްރީލަންކާ ސަރުކާރުން ދަނީ ބޯޓުގައި ތިބި ލަންކާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.

ޙަބަރުތައް ބުނާގޮތުން ސޯމާލިއާގެ ޕައިރެޓުން މިބޯޓު ހައިޖެކްކޮށްފައިވަނީ ސޯމާލިއާގެ އުތުރު އައްސޭރިފަށުންނެވެ. މިއީ ޢާއްމުކޮށް ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި އަލްޤައިދާއާ ގުޅުން ހުރި ފަރާތްތަކުން ހަރަކާތްތެރިވަމުންދާ ސަރަޙައްދެކެވެ. ގާތްގަނޑަކަށް ހަތިޔާރު އެޅި ވިއްސަކަށް މީހުން ބޯޓަށް އެރިކަމަށް ޙަބަރުތައް ބުނެއެވެ.

ބޯޓު ހައިޖެކްކޮށްގެން ގެންގޮސްފައިވަނީ ސޯމާލިއާގެ އަލޫލާ ނަމަކަށް ކިޔާ ސަރަޙައްދަކަށްކަމަށާއި، ހަތިޔާރު އެޅި އިތުރު މީހުން އެބޯޓަށް އަރާފައިވާކަމަށްވެސް ބައެއް ޙަބަރުތައް ބުނެއެވެ.  

ސޯމާލިއާ ޕައިރެޓުންގެ ބަޔަކު ބޯޓެއް ހައިޖެކްކޮށްފައި މިވަނީ އެމީހުންގެ ނުރައްކަލެއް ބޯޓުތަކަށް ކުރިމަތިނުވާތާ ގާތްގަނޑަކަށް ފަސް އަހަރަށްފަހުއެވެ. އެންމެ ފަހުން މިފަދަ ކަމެއް އެސަރަޙައްދުގައި ހިނގާފައިވަނީ 2012 ވަނަ އަހަރުއެވެ. އެފަހަރު ހައިޖެކްކޮށްފައިވަނީ 26 މީހުންނާއި، 135000 ޓަނުގެ ތެލާއެކު ދަތުރުކުރަމުންދިޔަ ބޯޓެކެވެ. އެބޯޓު ދޫކޮށްލާފައިވަނީ ދިހަ މަސްދުވަސް ފަހުންނެވެ. ބަދަލުގައި ދިން އަދަދެއް ކަށަވަރެއް ނުވެއެވެ.

25 އަހަރުވީ ހަނގުރާމައިގެ ސަބަބުން ސޯމާލިއާއަކީ ފަޤީރުކަމާއި ހަމަނުޖެހުން ބޮޑު ޤައުމެކެވެ. އަލުން ބޯޓުތައް ހައިޖެކްކުރަން ފެށުމުން، އެޤައުމުގައި ހާލުގައި ޖެހިފައި ތިބި 6 މިލިއަނަށްވުރެ ގިނަ މީހުންނަށް އެހީތެރިވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެއެވެ.