ދުނިޔެ

މަސައްކަތު މާހައުލުގައި ބުރުގާ އެޅުން މަނާކުރެވިދާނެ - އީޔޫ ކޯޓު


ޔޫރަޕްގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުސްލިމް އަންހެނުން ބުރުގާ އެޅުން މަނާކުރުމުގެ ބާރު ކުންފުނިތަކަށް އެބައޮތްކަމަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން ކަނޑައަޅައިފިއެވެ.

ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އަކީ ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ޤައުމުތަކުން ހުށަހަޅާ މިފަދަ މައްސަލަތަކުގައި އެންމެފަހުގެ ނިޔާ ކަނޑައަޅުއްވާ ކޯޓެވެ.  

އީޔޫގެ ކޮންމެ މެމްބަރު ޤައުމަކުން ފަނޑިޔާރެއް އިންނަވާ މިކޯޓުން އިއްވެވި ޙުކުމްގައިވަނީ، އެއްވެސް ދީނެއް، ސިޔާސީ ފިކުރެއް ނުވަތަ އެނޫންވެސް ފިކުރުތައް ދައްކުވައިދޭ އެއްވެސް ހެދުމެއް މަސައްކަތު މާޙައުލުގައި ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކުންފުނިތަކަށް އެބައޮތްކަމަށެވެ. އަދި އެކަން ކުރަންޖޭހޭނީ ކުންފުނިތަކުގެ އެތެރޭގެ ޤަވާއިދުގެ ދަށުންކަމަށްވެސް މިޙުކުމުގައިވެއެވެ. ނަމަވެސް ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރެއް މައްސަލަ ޖައްސައިގެން ބުރުގާ އެޅުން މަނާނުކުރެވޭނޭކަމަށްވެސް މިޙުކުމްގައިވެއެވެ.

img:http://s2.psmnews.mv/images/660x400/14895079169732.jpg|ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް / މިއީ ޔޫރަޕްގެ ޤައުމުތަކުން ހުށަހަޅާ މައްސަލަތަކުގައި އެންމެފަހުގެ ނިޔާ ކަނޑައަޅާ ކޯޓު

މިމައްސަލަ އީޔޫގެ އެންމެ މަތީ ކޯޓަށް ހުށަހެޅީ ބެލްޖިއަމް އަދި ފްރާންސްގެ ދެ ކުންފުންޏެއްގައި މަސައްކަތްކުރާ މުސްލިމް ދެ އަންހެނަކު ބުރުގާ ނާޅަން އެންގި އެންގުމަކާ ދެކޮޅު ހަދައިގެން ވަޒީފާއިން ވަކިކުރުމުންނެވެ.

ބެލްޖިއަމްގެ އަންހެންމީހާ މަސައްކަތްކުރަމުން ދިޔައީ ބުރުގާ އެޅުން މަނާކޮށްފައި އޮތް ކުންފުންޏެއްގައި ރިސެޕްޝަނިސްޓަކަށެވެ. ނަމަވެސް އެކުންފުނިން ރަސްމީކޮށް އެކަން ގަވާއިދެއްގައި ލިޔެފައެއް ނެތެވެ. އެކުންފުނިން ޤަވާއިދު ލިޔުނީ އަންހެން މީހާ ބުރުގާ އެޅި ފަހުންނެވެ. އަދި އެކަމާ ދެކޮޅު ހެދުމުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.

ފްރާންސްގައި މަސައްކަތްކުރަމުންދިޔަ އަންހެން މީހާ ބުރުގާ އެޅުން މަނާކުރީ ކަސްޓަމަރެއް މައްސަލަ ޖައްސައިގެނެވެ. އެކުންފުނީގައި ބުރުގާ އެޅުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް ބުރުގާ ނާޅަން އެންގުމުން އެކަމާ ދެކޮޅު ހެދުމުން އޭނާވެސް ވަޒީފާއިން ވަކިކުރީއެވެ.

img:http://s2.psmnews.mv/images/660x400/14895079647207.jpg|ޔޫރަޕްގައި ދިރިއުޅޭ މުސްލިމް އަންހެނެއް / ޙުކުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އައިސްފައި

ކޯޓުގެ މިޙުކުމާއެކު އެއްވެސް ދީނެއް ރަމްޒުވާ އެއްވެސް ކަހަލަ އެއްޗެއް މަސައްކަތްކުރާ މާހައުލުގައި ބޭނުންކުރުން މަނާކުރުމުގެ ބާރު ޔޫރަޕްގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ދެ އަންހެނުންނަށް އެހީތެރިވާ "ދަ އޯޕަން ސޮސައިޓީ ޖަސްޓިސް އިނީޝިއޭޓިވް" އިން ވަނީ މިޙުކުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމާއަތުން ބުނީ މިޙުކުމުގެ ސަބަބުން ހަމަހަމަކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް އަސަރުކުރާނޭކަމަށެވެ.

"ވަރަށް ގިނަ ޤައުމުތަކުގެ ޤާނޫނުތަކުން ދޭހަވާނެ މަސައްކަތު މާހަޢުލުގައި ބުރުގާ ފަދަ ތަކެތި އެޅުން މަނާކުރުމަކީ ތަފާތުކުރުމެއްގެ ގޮތުގައި.. އެކަމަކު އެފަދަ ޤާނޫނުތަކެއް ނެތް ތަނެއްގައި މިފަދަ ހުކުމެއްގެ ސަބަބުން ވަރަށް ގިނަ އަންހެނުން މަސައްކަތުން މަހްރޫމްވާނެ" ދަ އޯޕަން ސޮސައިޓީ ޖަސްޓިސް އިނީޝިއޭޓިވްގެ ފަރާތުން ވާހަކަދެއްކެވި މަރްޔަމް ހަމްދޫން ވިދާޅުވިއެވެ.

މަސައްކަތު މާހައުލުގައި ބުރުގާ އެޅުން މަނާކުރުމަށް ބާރު ލިބިދޭ ގޮތަށް އީޔޫގެ އެންމެ މަތީ ކޯޓުން ޙުކުމް ކުރައްވާފައި މިިވަނީ ބުރުގާ އެޅުމާ ދެކޮޅަށް ޔޫރަޕްގެ ބޮޑެތި ބައެއް ޤައުމުތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވާއިރު، އެހެން ޤައުމުތަކުން ދަނީ އެގޮތަށް އަމަލުކުރުމަށް ތައްޔާރުވަމުންނެވެ. މިފަދަ ސަބަބުތަކަށްޓަކައި ޔޫރަޕްގައި ދިރިއުޅޭ މުސްލިމް އަންހެނުންނަށް ދަނީ ތަފާތު ގޮންޖެހުންތަކާއި ފުރައްސާރަތައް ކުރިމަތިވަމުންނެވެ.