ދުނިޔެ

ޖަޕާނުގެ އެންމެ މަތީ ލަޤަބް ސަޢޫދީ ރަސްގެފާނަށް !


ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ޖަޕާނުގައި ދެއްވާ އެންމެ މަތީ ލަޤަބު އަރުވައިފިއެވެ.

ސަޢޫދީ ރަސްގެފާނު ޖަޕާނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށް މި ލަޤަބް އަރުވާފައިވަނީ ޖަޕާނު އެންޕަރަރ އަކިހީޓޯއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޖަޕާނުން އަރުވާ އެންމެ މަތީ ލަޤަބު ކަމުގައިވާ "ޑެއިޒީ ހައި މެޑަލް" ސަޢޫދީ ރަސްގެފާނަށް އަރުވާފައިވަނީ މުސްލިމުންގެ ދެޙަރަމްގެ ޚާދިމުގެ ޙައިޞިއްޔަތުން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅު ފާހަގަކުރައްވައެވެ. 

ސަޢޫދީ ރަސްގެފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާއާއި ޖަޕާނު ގުޅިގެން 30 އަށްވުރެގިނަ މަޝްރޫޢުތައް ހިންގުމަށް ސަޢޫދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ވަނީ ނިންމަވާފައެވެ. ސަޢޫދީ ރަސްގެފާނު މިގޮތަށް ނިންމަވާފައިވަނީ އެމަނިކުފާނު ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރޭގައެވެ.