ދުނިޔެ

އަންހެނުންގެ ޚާއްޞަ ބައްދަލުވުމެއް ސަޢޫދީގައި ބާއްވައިފި


"ސަޢޫދީ އަންހެނުންނަށް ވާނެ" މިނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސަޢުދީ ޢަރަބިޔާގެ އަންހެނުންނަށް ހުރި ފުރުޞަތުތަކާއި މުޖްތަމަޢުގައި އެމީހުންގެ ދަޢުރު ބަދަލުވަމުން އަންނަ ގޮތާއި ބެހޭގޮތުން މަޝްވަރާކުރުމަށް މިބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައެވެ.

މިބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވެ، އެމީހުންގެ ތަޖުރިބާތައް ހިއްޞާކުރިއެވެ.

އަންހެނުންގެ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތެއްކަމަށްވާ އަލްވަލީދް ފިލަންތޮރޮޕީސްގެ ފަރާތުން ބޭއްވި އެއްދުވަހުގެ މިބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރައްވާ ޗެރީ ބްލެއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިކޮންފަރެންސްގައި ބައިވެރިވެ، ވާހަކަދެއްކި އެކަކީ އުމުރުން 31 އަހަރުގެ ރަހާ މޮހަރަކްއެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އެރި ފުރަތަމަ ސަޢޫދީ އަންހެނާގެ ލަޤަބް އޮންނަ ރަހާ ބުނީ، އޭނާ ބޭނުންވީ ސަޢޫދީ ޢަރަބިޔާގެ އަންހެނުންނަކީ ފިރިހެނުނަށްވުރެ ވަކި ދަށް ބައެއް ނޫންކަން ދައްކައިދިނުމަށެވެ.

img:http://s2.psmnews.mv/images/660x400/14895033923255.jpg|ރަހާ މޮހޮރަކް / ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އެރި ފުރަތަމަ ސަޢޫދީ އަންހެނާ

"އަހަރެންގެ ދަތުރު ފެށުނީ ދެކޮޅުހެދުމުގެ ތެރެއިން.. އަހަރެން ބޭނުންވީ އަހަރެންގެ މައިންބަފައިން ހައިރާންކޮށްލަން" ކިޔެވުމަށްފަހު ތަފާތުކަމެއް ކުރަން ބޭނުންވެ، އެކަމުގެ ހުއްދަ ބައްޕަގެ ކިބައިން ހޯދި ވާހަކަ ކިޔައިދެމުން ރަހާ ބުންޏެވެ.

މިބައްދަލުވުން އިންތިޒާމްކުރި އަލްވަލީދް ފިލަންތޮރޮޕީސްގެ ސެކްރެޓަރީ ޖެނަރަލް، ސަޢޫދީ އަމީރާ، ލާމިއާ ބިންތި މަޖީދު އާލް ސަޢޫދު ވިދާޅުވީ މިބައްދަލުވުމުގެ މަޤްޞަދަކީ އަންހެނުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ކުރިއަށް އޮތް ޖީލުތަކުން އެކަމުން ނަމޫނާ ލިބިގަތުންކަމަށެވެ. އަދި އަހަރަކު އެއްފަހަރު މިބައްދަލުވުން ބޭއްވުމަށް ރާވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިޔާއިން ދަނީ އަންހެނުންގެ ކުރިއެރުމަށް ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. ސަޢޫދީ ޢަރަބިޔާގެ ޝޫރާ މަޖިލީހުގައި އަންހެނުންނަށް މިހާރު ތިބެވޭއިރު، ކައުންސިލުތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ވެސް ސަޢޫދީ ޢަރަބިޔާގެ އަންހެނުންނަށް މިހާރު ވަނީ ލިބިފައެވެ. އިގްތިޞާދު ފުޅާކުރުމަށް އެކި އެކި ވަޒީފާތަކުގައި އުޅޭ އަންހެނުން އަދަދު އިތުރުކުރުމަށްވެސް ސަޢޫދީ ޢަރަބިޔާގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.