ޚަބަރު

"ކުޑަކުދިން ކުށުގެ ވެށްޓަށް ވެއްދުމަށް ބަޔަކު މަސައްކަތްކުރޭ"


ކުޑަކުދިން ކުށުގެ ވެށްޓަށް ވެއްދުމަށް އެކިފަރާތްތަކުން މަސައްކަތްކުރަމުން ގެންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. 

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ނިންމެވުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިނުކުރެވި، އަދި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅި އޮތުމަކީ މިކަންތައް މިހާހިސާބަށްދާން މެދުވެރިވި ސަބަބުކަމަށެވެ. އަދި މިކަން ޙައްލުކުރައްވަން ސަރުކާރުން ޚާއްޞަ ޕްލޭންތަކެއް ހައްދަވާ އެޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަޒްލީން ވިދާޅުވީ، މި ސަރުކާރުގެ މި ފަސް އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެވޭނެ ފަސްއަހަރަށް ވެގެންދާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/14850781723312.jpg|ހޯމް މިނިސްޓަރ އަޒްލީން ޢަޙުމަދު- ފޮޓޯ: ޕީއެސްއެމް

"ކުޑަކުދިންނަކީ ކުށުގެ ވެއްޓަށް އަޅުގަނޑުމެން ބޮޑެތި މީހުން ވައްދާ ބައެއްގެ ގޮތުގައި ނުހަދަމާތޯއޭ. އެފަދަ ކަންކަން ކުރުމުގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެންގެ މުޅި ޤައުމު އެއްކޮށް ހަލާކުވެގެން ނެތިގެން ދިއުމޭ. މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްދުމާއި، އަދި ކުށުގެ ވެއްޓަށް ނުވަދެވޭވަރުގެ ކުދިންގެ ހައްޤުތަކަށް ބަޔަކު މީހުން އިޙްމާލުވަމުން ދިއުން. ސަރުކާރުގެ އެންމެ މުހިންމުއެއް އަމާޒަކީ ކުޑަކުދިންނަށް އެކުދިންގެ ހައްޤުތައް އެކަށީގެންވާ ގޮތަކަށް ރައްކާތެރިކުރުމަށް މުޖުތަމަޢު އެކަމަށްޓަކައި ހޭލުންތެރިކުރެވި، އަދި އެންމެންގެ އަޅާލުމާއި އޯގާތެރިކަން ލިބޭޔަކަށް އެކުދިން ހެދުން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރެއްވުމުގެ ގޮތުން ކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކެއް ގުޅިވަޑައިގެން ވަރުގަދަ ޤައުމީ ކެމްޕެއިނެއް ވަރަށް އަވަހަށް ފެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އަޒްލީން ވަނީ ވިދާޅުވެފައެވެ.