ޚަބަރު

އޭވީއެންގެ ކޯޑިނޭޓަރުންގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި


އޭޝިއަން ވިޝަން ނެޓްވޯކް، އޭވީއެންގެ ކޯޑިނޭޓަރުންގެ މިއަހަރުގެ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ. 

3 ދުވަހުގެ މި ބައްދަލުވުން ރާއްޖޭގައި މި ބާއްވަނީ އޭޝިޔަން ބްރޯޑްކާސްޓިންގ ޔޫނިއަންއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ގުޅިގެނެވެ.

އޭޝިއާ ވިޝަން ނިއުސް އެކްސްޗޭންޗް ނެޓްވޯކަކީ އޭޝިއަން ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫގެ މެންބަރު ޤައުމުތަކުގައި ހިނގާ މުހިންމު ކަންކަމުގެ ޚަބަރާއި ވީޑިއޯ ޙިއްޞާކުރުމަށްޓަކައި 1984 ވަނަ އަހަރު ޤާއިމްކޮށްފައިވާ ނެޓްވޯކެކެވެ. 

މިފަހަރު އޭވީއެން ކޯޑިނޭޓަރުންގެ ބައްދަލުވުން އިންތިޒާމްކުރަނީ ޕަބްލިކްސަރވިސް މީޑިއާއިންނެވެ. ޕީ.އެސް.އެމްގެ ރޭޑިއޯ ބިލްޑިންގގައި ބާއްވާ މި ބައްދަލުވުން ފަށްޓަވައިދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުއެވެ. މި ރަސްމިއްޔާތުގައި އޭޝިއާ ވިޝަންގެ ޑައިރެކްޓަރ އޮފް ނިއުސް ޝައެ އިލް އާއި ޕީ.އެސް.އެމްގެ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއަރޒް ޢަބްދުﷲ ރަމީޒު ބައިވެރިވެވަޑައިގެންނެވިއެވެ.

img:http://s4.psmnews.mv/images/660x400/14894916355740.jpg|އޭވީއެން ކޯރޑިނޭޓަރުންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ޖަލްސާ ފަށްޓަވައިދެއްވުމުގެ ގޮތުން ޕީއެސްއެމްގެ ފަރާތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވަނީ ޕަބްލިކް ސަރވިސް މީޑިއާއިން ރާއްޖޭގެ ޤައުމީ އަދި ދައުލަތުގެ މީޑިއާގެ ޙައިޞިއްޔަތުން އަދާކުރާ ދައުރާއި އެ ދައުރު ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އެގޮތުން ޓީވީ، ރޭޑިއޯ އަދި ޕްރިންޓް މީޑީއާގެ އާ ޚިދުމަތްތައް ވުޖޫދަށް ގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ޕީއެސްއެމުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެއްބާރުލެއްވުމާއެކު ޤާއިމްކޮށް، ދުނިޔެއަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ރީތި ސިފަތަކާއި އާދަކާދައާއި ޝަޤާފަތާއި ހިތްހެޔިކަން ދައްކައިދީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާ މޯލްޑިވްސް ޓީވީ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14894915670184.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިމިނަތު ޝާޔަން ޝާހިދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މި ބައްދަލުވުމަކީ، އެތައް ޤައުމެއްގެ ނޫސްވެރިންނާއި ޚަބަރާގުޅޭ އިސް އޮފިޝަލުން ވައިވެރިވެވަޑައިގަންނަވާ ބައްދަލުވުމަކަށްވުމާއެކު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި ޕީއެސްއެމުން އަލަށް ޤާއިމުކުރާ 24 ގަޑިއިރުގެ ޚަބަރު ޗެނަލް ވަރަށް އަވަހަށް ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ކުރައްވާ މަސައްކަތް ބަޔާންކޮށްދެއްވިއެވެ. އަދި އެއާއެކު ދިވެހިރާއްޖޭގެ ޤައުމީ ނިވްސް އޭޖެންސީ ޤާއިމްކުރެވޭނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ މީޑިއާއަށް ދިމާވެފައި ގޮންޖެހުންތައް ނައްތާލުމަށް ޕީ.އެސް.އުން ކުރަމުން އަންނަ މުހިންމު މަސައްކަތްތައް ޝާޔަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭވީއެންގެ ޑައިރެކްޓަރ އޮފް ނިއުސް ޝައެ އިލް ވަނީ ޤައުމުތަކުގައި ހިނގާ މުހިންމު ކަންކަމުގެ މަޢުލޫމާތު ވީ އެންމެ އަހަވަކަށް އޭވީއެން މެދުވެރިކޮށް މެންބަރު ޤައުމުތަކާ ޙިއްޞާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14894916132097.jpg|އޭވީއެންގެ ޑައިރެކްޓަރ އޮފް ނިއުސް ޝައެ އިލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް  

އޭބީޔޫގެ މެންބަރު 32 ޤައުމުގެ ތެރެއިން 24 ޤައުމުގެ މަންދޫބުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.  ޕީއެސްއެމް ނިވްސްއަށް މަޢުލޫމާތުދެއްވަމުން އޭޝިއާ ވިޝަންގެ އޮފިޝަލެއްކަމަށްވާ ޝަބާނާ ޖޭން ވިދާޅުވީ މި ބައްދަލުވުމުގައި ކުރެވޭ މަޝްވަރާތަކާ ގުޅިގެން މެންބަރު ޤައުމުތަކުގެ މެދުގައި ޚަބާރާއި މަޢުލޫމާތު ޙިއްޞާކުރުން އިތުރުވެގެންދާނެކަމަށެވެ.

މިބައްދަލުވުވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ބައިވެރިވަނީ ޖާރނަލިސްޓް ޙަފީޒާ ޢަބްދުލްސައްތާރުއެވެ. އޭ.ވީ.އެން ކޯޑިނޭޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.