ކުޅިވަރު

ކާންޓޭގެ ގޯލުން ޗެލްސީ މޮޅުވެ ސެމީފައިނަލަށް


ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މެންޗަސްޓަރ ޔުނައިޓެޑް ބަލިކޮށް އިނގިރޭސި އެފް.އޭ.ކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު ކުއާރޓަރ ފައިނަލް މެޗް ޗެލްސީން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ޗެލްސީގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުޅި މެޗްގައި މޮޅު ކުޅުމެއް ދައްކާ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ކާންޓޭއެވެ. މެޗްގެ ފުރަތަމަ ހާފްގެ 35 ވަނަ މިނެޓްގައި މެންޗަސްޓަރ ޔުނައިޓެޑްގެ ހެރޭރާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ސީޒަންގައި ޗެލްސީ އެންމެ ފަހުން މެންޗަސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 12 މެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ ރޭގައި ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް ކަމަށާ ސެމީފައިނަލުން ޖާގަ ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ ކަމަށެވެ. ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިޔޯ ބުނީ މެޗްގައި ދެއްކި ރަތްކާޑާމެދު އެއްޗެއް ބުނަން ބޭނުން ނުވާކަމަށާ މެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. މިއީ އެފް.އޭ.ކަޕްގެ ސެމީފައިނަލުން ޗެލްސީ ޖާގަ ހޯދި 24ވަނަ ފަހަރެވެ. 

ސެމީފައިނަލް ފުރަތަމަ މެޗްގައި ޗެލްސީ ވާދަ ކުރަން ޖެހޭނީ ޓޮޓެންހަމްއާއެވެ. ސެމީފައިނަލް ދެވަނަ މެޗްގައި ވާދަކުރާނީ އާރސެނަލްއާ މެންޗަސްޓަރ ސިޓީއެވެ. ސެމީފައިނަލް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 22 އަދި 23 ވަނަ ދުވަހުއެވެ.