ސިއްހަތު

ފްލޫ ކްލިނިކްތަކުން 24 ގަޑިއިރު ޚިދުމަތް ދެއްވަން ނިންމަވައިފި


މިދުވަސްވަރު ފެތުރެމުންދާ ހުމަށް ފަރުވާދިނުމަށް މިއަދުން ފެށިގެން އިތުރު ފްލޫ ކްލިނިކްތަކެއް ޤާއިމްކުރައްވާ، އެތަންތަނުން 24 ގަޑިއިރު ޚިދުމަތް ދެއްވަން ފަށްޓަވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

ހުމުގެ ރޯގާއާ ގުޅިގެން އައިޖީއެމްއެޗްގައިވެސް ވަނީ ޚާއްޞަ ކްލިނިކަކުން އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އަންނަ ބަލި މީހުން އިތުރުވުމުގެ ސަބަބުން އެތަނަށް ބާރުބޮޑުވަމުންދާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

އެޗްވަންއެންވަން އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާއަށް ޙިއްޞާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ޢަބްދު ﷲ ނިޔާފް ވިދާޅުވީ މާލޭގެ އިތުރު ސަރަޙައްދުތަކުގައި ފްލޫ ކްލިނިކްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އައިޖީއެމްއެޗްގައި ފްލޫއަށް ޚާއްޞަ ކްލިނިކެއް ހުޅުއްވައި ފަރުވާދެމުން ގެންދަވާއިރު، ހުޅުމާލޭ ހޮސްޕިޓަލްގައިވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވައި ފަރުވާ ދޭން ފަށާފައެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައިވެސް މި އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިދުވަސްވަރު ކޮންމެހެން ދާން ޖެހިގެން ނޫނީ ޑޮކްޓަރަށް ދައްކަވަން ނުދިޔުމަށް ހެލްތް މިނިސްޓްރީން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.