ޚަބަރު

ހުމުގެ ރޯގާ ފެތުރެމުންދާތީ ސްކޫލްތައް ބަންދުކޮށްފި


ހުމުގެ ރޯގާއެއްކަމަށްވާ އެޗް.ވަން.އެން.ވަން ފެތުރެމުންދާތީ މާދަމާއިން ފެށިގެން ސްކޫލްތައް ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ބަންދުކުރުމަށް ނިންމެވީ އެޗް.ވަން.އެން.ވަން ފެތުރެމުންދާތީ ސްކޫލްތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވަނިކޮށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދެން ސްކޫލްތައް ހުޅުވޭނީ އެޗްޕީއޭގެ ލަފަޔާއެކުކަމަށެވެ. 

މިރޭ ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި އެޗްޕީއޭއިން ވިދާޅުވީ އެޗްވަންއެންވަން އަށް ޝައްކުކުރެވިގެން ޓެސްޓްކުރެވުނު 251 މީހުންގެ ތެރެއިން 51 މީހެއްގެ ގައިން އެޗްވަންއެންވަން ވައިރަސް ފެނިފައިވާކަމަށެވެ. އަދި އިތުރު 70 މީހެއް އެޗްވަންއެންވަން އަށް މިހާރު ޓެސްޓްކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.  

އެޗްޕީއޭއިން ވިދާޅުވީ މާޗްމަހުގެ 4 ވަނަ ދުވަހު މަރުވި 26 އަހަރުގެ ފިރިހެން މީހާގެ ގައިން އެޗްވަންއެންވަން ވައިރަސް ފެނިފައިވާކަމަށެވެ. އަދި މިހާރުވެސް މާބަނޑު މީހަކު އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުންދާކަމަށާއި، އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރެއްގެ އެހީގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އިތުރު މާބަނޑު މީހަކަށްވެސް ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. 

އެޗްޕީއޭއިން ވިދާޅުވީ އެޗްވަންއެންވަން އަށް ދޭނެ ފަރުވާ ރާއްޖޭގައި ލިބެން އެބަހުރިކަމަށެވެ. އަދި މިކަމަށް ދޭނެ ވެކްސިންވެސް ރާއްޖޭގައި އެބަހުރިކަމަށާއި ފުރަތަމަ އިސްކަންދޭނީ މާބަނޑު އަންހެނުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. 

ހުން އައުން، ކަރުގައި ރިހުން، ގައިގަ އަދި ބޮލުގައި ރިހުން ފަދަ އަލާމާތެއް ދިމާވާނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.