ޚަބަރު

މިފްކޯގެ ޚަރަދު މިހާރު ދެކޮޅު ޖެހޭނެ- އެސްޓީއޯ


މިފްކޯއަކީ ޚަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް ބަދަލު ކުރެވިފައިވާކަމަށް އެސްޓިއޯއިން ބުނެފިއެވެ. އެސްޓީއޯއިން މިފްކޯގެ ހިންގުމާއި ހަވާލުވެ އެ ކުންފުނި ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

މިފްކޯއާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން މިފްކޯ ހަމަޖެއްސެވުމާއިއެކު މިފްކޯ އަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް އެސްޓީއޯއިން ޙާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. މިގޮތުން މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި މިފްކޯ ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބުކަމަށް ޝަހީރު ވިދާޅުވިއެވެ. މިގޮތުން އެސްޓީއޯގެ ބެލުމުގެ ދަށަށް މިފްކޯ ބަދަލުވެ މިދިޔަ ކުޑަ ދުވަސްކޮޅުގެތެރޭގައި މިފްކޯއަކީ ހަރަދު ދެކޮޅުޖެހޭ ކުންފުންޏަކަށް ހެދިއްޖެކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރިއިރު، މިފްކޯ އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މިފްކޯއަށް އިންވެސްޓްކޮށްފައި ނެތުމުން އެކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން ފެލިވަރު، ކަނޑުއޮށްގިރި އަދި ކޫއްޑޫގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން ޝަހީރު ވަނީ ފާހަގަކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14894190590019.jpg|އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަޙީރު / ފޮޓޯ: ޕީއެސްއެމް

މިފްކޯގެ ހާލަތު ރަނގަޅުކޮށް މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި ވޭތުވެދިޔަ ފަސްމަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން އެދެވޭފަދަ ނަތީޖާތަކެއް ހާސިލްވެފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ. އަދި މިހާރު އެކަން މަސްވެރިންވެސް ފާހަގަކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން މިފްކޯއާ ހަވާލުވިއިރު، އެކުންފުނީގެ ދަރަނި ތިންސަތޭކަ ތިރީސް އަށް މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި އެސްޓީއޯއަށް ދައްކަންޖެހޭ ދަރަނި ސަތޭކަ މިލިއަން ރުފިޔާގައި އުޅޭއިރު، މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ އަދަދު ހަ މިލިއަން ރުފިޔާއަށް އަރައެވެ.

ޝަހީރު ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކައި ހަލާސްކޮށް ނިމިފައިވާކަމަށެވެ. ފައިދާވާ ކުންފުންޏަކަށް މިފްކޯ ހެދުމަށް އެސްޓީއޯއިން ކުރި މަސައްކަތުން މިހާރު ހަމަޖެހިފައިވާ އުސޫލުގެ މަތިން މަސްކިރުވާފައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރު ދެމުންގެންދާކަން ޝަހީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފްކޯއަށް ތެޔޮ ވިއްކައިގެން އެސްޓީއޯއަށް ލިބެންޖެހޭ ސަތޭކަ މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ. މިފްކޯއަކީ މުސްތަޤްބަލު އޮތް ކުންފުންޏެކެވެ. ފައިދާވާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ވެގެންދިއުމުން އެކަމުގެ ސަބަބުން މަސްވެރިންނަށާއި، އެސްޓިއޯއަށް އެތައް ގޮތަކުން ފައިދާ ކުރާނޭކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން މިފްކޯ ހަމަޖައްސަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ އޮނަތިރީސް ވަނަ ދުވަހުއެވެ. މިފްކޯއާ ބެހޭގޮތުން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމިނުވެސް ވަނީ، އެސް.ޓީ.އޯގެ ދަށަށް މިފްކޯ ބަދަލުކޮށް، އެކަމުގެ ހެޔޮ ބަދަލު، މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.