ޚަބަރު

"ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖެއަކީ ނަމޫނާ ޤައުމެއް"


ކުދި ޖަޒީރާ ޤައުމުތަކުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވާ މިންވަރަށް ބަލާއިރު ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަމޫނާ ދައްކާފައިވާކަމަށް ދިވެހިރާއްޖެއިން އދ.އަށް ކަޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ޙަމީދު ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަވާ ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޑރ. ހާލާ ޙަމީދު ވިދާޅުވީ ރާއްޖެއިން އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ކުރިއަށްއޮތް ދައުރުގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ކުރަމުންދާ މަސައްކަތްތައް ބައިނަލްޢަޤްވާމީ މުޖުތަމައާ ހަމައަށް ގެނެސްދިނުމަށްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގައި ޙައްޤުގައި ރާއްޖެއިން އިސްނަގައި މަސައްކަތް ކުރުމަކީވެސް ރާއްޖެއިން ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ބޭނުންވާ އެއް ސަބަބުކަމަށް ވިދާޅުވިއެވެ.

"މިހާރު ބައިނަލްއަޤްވާމީ މުޖުތަމައުގައި ދެކެވޭ ކޮންމެ ވާހަކައަކީވެސް އިންސާނީ ޙައްޤުތަކާ ގުޅުންހުރި ގޮތަކަށް ދެކެވޭ ވާހަކަތައް. ކޮންމެ ޤައުމެއްގެ ތަރައްޤީއާވެސް ގުޅިފައިވަނީ އިންސާނީ ޙައްޤުތަކާ. އެހެންކަމުން ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރެއްވުމަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގެ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ރާއްޖެއިން އެބަޖެހޭ މަސައްކަތް ކުރަން. މި މަސައްކަތްތައް އެންމެ ރަނގަޅަށް އަދާކުރެވޭނީ ހިއުމަންރައިޓްސް ކައުންސިލްގެ ސްޓޭޓްމެންޓްތައް މެދުވެރިކޮށް." ހާލާ ޙަމީދު ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14894164340700.jpg|އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން

ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތަކާ ގުޅޭ ދާއިރާތަކުގައިވެސް ރާއްޖެއިން އިސްވެއޮވެ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި ވަކާލާތު ކުރަމުންގެންދާކަމަށް ޑރ. ހާލާ ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ހާލާ ވިދާޅުވިއެވެ. އަދި މިކަންކަމުގައި ކުދި ޖަޒީރާ ޤައުމުތަކަށް މިސާލު ދައްކަމުންދާކަމަށާއި، ރާއްޖެ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ހިމެނުމަކީ އެޤައުމުތަކަށްވެސް ބޮޑެތި ފައިދާތަކެއް ކުރާކަމެއްކަމަށް ޑރ. ހާލާ ވިދާޅުވިއެވެ.

"ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ބައިވެރިވުން ހިއުމަންރައިޓްސް ކައުންސިލްގައި އިތުރުކުރުމަށް ރާއްޖެއިން ވަރަށް އިސްދައުރެއް އަދާކުރޭ. މިހާރު ކުރިއަށްދާ ހިއުމަން ރައިޓްސް ކައުންސިލްގެ 34 ވަނަ ސެޝަންގައިވެސް ރާއްޖެއިން ގިނަ މަސައްކަތްތަކެއް އެބަކުރޭ. އެގޮތުން ކުދި ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ބައިވެރިވުން ކައުންސިލްގައި އިތުރުކުރުމަށް ރިޒޮލިއުޝަނެއް އަޅުގަނޑުމެން ފާސްކުރުމަށް އެބަ މަސައްކަތް ކުރަން. ހަމައެހެންމެ މިސެޝަންގައި ހިއުމަންރައިޓްސް އެންޑް އެންވަޔަރަމެންޓާ ގުޅޭ ރިޒޮލިއުޝަން އަޅުގަނޑުމެން އެބަ ލީޑްކުރަން." ހާލާ ވިދާޅުވިއެވެ. 

ދިވެހިރާއްޖެއިން ވަނީ ވިދިވިދިގެން 2 ދައުރު އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރުކަންކޮށްފައެވެ. އެގޮތުން މިހާރު ރާއްޖެއިން މަސައްކަތް ކުރަމުންދަނީ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަން ހޯދުމަށެވެ. އެއީ 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮތް ދައުރެވެ. މިދައުރަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އޮންނަ އދ.ގެ ޖެނެރަލް އެސެމްބްލީގައެވެ. 47 މެންބަރުން ހިމެނޭ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަށް ދިވެހިރާއްޖެއިން ވާދަކުރަކީ އޭޝިއާ ޕެސިފިކަށް ކަނޑައަޅުއްވާފައިވާ 4 ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. މި ހަތަރު ގޮނޑިއަށް 7 ޤައުމަކުން ކުރިމަތިލާފައިވާކަމަށް ޑރ. ހާލާ ޙަމީދު ވިދާޅުވިއެވެ.

ހަމަ އެހެންމެ ދިވެހި ރާއްޖޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އެކި ފަރާތްތަކުން ދެއްވާ ޚިޔާލުތަކަށް އަބަދުވެސް މަރުހަބާ ކިޔާކަމަށްކަމަށްވެސް ހާލާ ވިދާޅުވިއެވެ. އދ.ގެ އިންސާނި އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަކީ އިންސާނީ ޙައްޤުތަކާބެހޭ އެންމެހާ މައްސަލަތަކާމެދު މަޝްވަރާކުރެވި ބައިނަލްއަޤްވާމީ ގޮތެއްގައި ގޮތްތައް ނިންމަވާ އ.ދގެ މައިގަނޑު ގުނަވަނެވެ.