ޚަބަރު

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ކެމްޕެއިނެއް ފަށަނީ


ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤައުމީ ކެމްޕެއިނެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޖުވެނައިލް ޖަސްޓިސް ޓްރެއިންގ ނިންމެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބޭއްވެވި ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ނިންމެވުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އެބައޮތްކަމަށާއި މިކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން ކަމާބެހޭ ހުރިހާ ލޯއެންފޯސްމަންޓް ޑިޕާޓްމަންޓްތަކެއް ގުޅިގެން ކުޑަކުދިންނަށްގެ ހައްޤުތައް ރައްކާތެރިކުރެއްވުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިންއެއް ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަނިޔާވެރިކަމަށް ހުށައެޅިފައިވަނީ ކިތައް ކުދިންކަން އަޅުގަނޑުމެންނަށް އެބައެނގޭތޯ. މިކަހަލަ ބައިވަރު ކަންތައް އަޅުގަނޑުމެންގެ މުޖުތަމަޢުތެރޭގައި އެބަހުއްޓޭ. އަދި ބައްޕަގެ ފަރާތުން އަނިޔާ ލިބޭ ދޮންދަރިންނާއި، ދަރިންގެ ވާހަކަދައްކަން ނުކެރޭ ކިތައް މަންމައިންތޯ ތިބީ. އަދި ހަމައޭގެ އަނެއްކޮޅަށް ބަލާލައިފިއްޔާ މިދަންނަވާ ގޮތަށް މަންމައެއްގެ އަނިޔާވެރިކަމުން އިހައްދުވަހު ނިމިގެންދިޔަ އިބްތިޙާލް ނިމިގެންދިޔައީ. ޝައްކެއްވެސް ނެތްގޮތަށް ބައްޕަގެ ވާހަކައެއްނޫން އެތާ އަންނަނީ. އެހެންވީމަ އޭގެއިދިކޮޅުވެސް އެބައޮތް. މަންމައިންގެ ފަރާތުން އަނިޔާވާ ކުޑަކުދިންވެސް ހިތާމަޔާއެކު ދަންނަވަން ޖެހެނީ އެބަތިއްބޭ." މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14729828012121.jpg|މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު - ފައިލް ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކްޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ވިދާޅުވީ، ކުއްޖަކު ކުށެއް ކޮށްގެން އެކުއްޖާއަށް އަދަބު ދިނުމުގެ ބަދަލުގައި އެކުއްޖާ އެކުރީ ކުށެއްކަން އޭނާއަށް ވިސްނައިދީގެން އެކުއްޖާ އަލުން މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެކުއްޖާ ރަނގަޅު ކުރުމަށް އެޅޭ މުޙިންމު ފިޔަވަޅެއްކަމަށެވެ. އަދި ކުށްކުރާ ކުދިން އަލުން މުޖުތަމަޢުއަށް ނެރުމަށް ޕްލޭންތަކެއް ހައްދަވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޙާމިދު ޔޫސުފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެސް ޤަބޫލްކުރާނެ 14 ނޫނީ 15 އަހަރުގެ ކުއްޖަކު ޖަލުގެ ތެރިތަކުގެ ތެރޭގައި އެކުއްޖާ ކިތަންމެ ދުވަހަކު ބޭންދިޔަސް އެކުއްޖާ ރަނގަޅެއް ނުވާނެ. އެހެންނަމަވެސް އެކުއްޖަކު އިސްލާޙުކުރަން އަޅުގަނޑުމެން މަސައްކަތްކޮށް ،އެކުއްޖާގެ އުޅުން ބަދަލުކުރަން އެކުއްޖާއަށް ތަޢުލީމާއި ތަމްރީންދީ، އެކުއްޖާ މުޖުތަމަޢުއަށް ގެނެސް އެކުއްޖާއަށް ވަޒީފާދީ މިކަންކަން ކުރެވުނީމަ އަސްލު ހަޤީޤަތުގައި އަޅުގަނޑުމެންގެ މުޖުތަމަޢުއިން ބާކީވަމުންދާ ވަރަށް ގިނަ ކުދިން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ." ހާމިދު ވިދާޅުވިއެވެ.

މިމަހުގެ ފަހަކުން ނުވައަކަށް ބޭއްވެވި މިތަމްރީންގައި 31 ފަރާތަކުން ބައިވެރިވެ 28 ފަރާތަކުންވަނީ ތަމްރީން ފުރިހަމަކޮށްފައެވެ. މި ތަމްރީން ގައި، ޕޮލިސް، ޕީޖީ އޮފީސް، ޖުވެނައިލް ކޯޓް، ޑްރަގް ކޯޓް، ނެޝެނަލް ޑްރަގް އެޖެންސީ، ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެފައިވެއެވެ. 

މި ތަމްރީމް ޕްރޮގްރާމްގައި، ކުށްކުރާ ކުދިން މުޖުތަމަޢުއަށް ގެނައުމަށް ބޭނުންކުރާނެ ހަމައާއި އުޞޫލާއި، ކުއްޖަކު ހައްޔަރު ކުރީއްސުރެ އެކުއްޖާ ކޯޓަށް ގެންދަންދެން ކަންތައްކުރަންވީ ގޮތާއި، ކުށްކުރާ ކުދިންނާއި މުއާމަލާތް ކުރަންޖެހޭގޮތްތައް މި ޕްރޮގްރާމްގައި ކިޔާދެއްވާފައިވާކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ. މި ތަމްރީން ޕްރޮގްރާމަކީ 2010 ވަނަ އަހަރުން ފެށިގެން ބާއްވަވަމުން އަންނަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިހާތަނަށް ފަސް ސަތޭކަ އަށްޑިހަ ފަސް މީހުން ވަނީ ތަމްރީން ކުރައްވާފައެވެ.