ވިޔަފާރި

ޔޫރަޕްގެ ބޮޑެތި އެއަރލައިންތަކުގެ ޝައުޤުވެރިކަން އައްޑޫސިޓީއަށް!


ޖަރުމަންވިލާތުގެ ބާރލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބާރލިންގ ފެއަރގެ ތެރެއިން ޔޫރަޕްގެ ބޮޑެތި އެއަރލައިންތަކުން އައްޑޫސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އައްޑޫސިޓީން ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުން ތަޢާރަފްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ތަޢާރަފްކުރުމަށް ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވިސްނުންފުޅަކީ ބޮޑެތި ޕްރޮޖެކްޓުތަކާއިއެކު އައްޑޫ ސިޓީ ތަރައްޤީކުރެއްވުންކަމަށެވެ. ރާއްޖޭގައި އެންމެ ބޮޑެތި މަޝްރޫޢުތައް ހިންގޭނެ އެއް ސަރަޙައްދަކީ އައްޑު އަތޮޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަސްދޮޅަސް މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢެއް ހިންގެވުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވުރެ ބޮޑު ރަންވޭއެއްކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އިތުރު ޝެޑިއުލް ދަތުރުތައް ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ފަތުރުވެރިކަން އައްޑޫގައި ތަރައްޤީވެގެން ގޮސްފައި ނެތުންކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ތިންހާސް ޓޫރިސްޓް ބެޑް އައްޑޫގައި ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވިއެވެ. އަދި ޓޫރިސްޓް ހޮޓަލެއް އައްޑޫގައި ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށާއި އެމަޝްރޫޢުވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޒަމީރު ދެއްވިއެވެ.

މިހާރު ޖަރުމަންވިލާތުގެ ބަރލިންގައި ކުރިއަށްދާ އައިޓީބީ ބާރލިން ފެއަރގައި ޔޫރަޕްގެ ބޮޑެތި އެއަރލައިންތަކުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢޫތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލެވޭނީ ސަރުކާރަށް ތާޢީދުކުރައްވާ މެމްބަރުން އައްޑޫސިޓީ ކައުންސިލްގައި ތިއްބަވައިގެންކަމަށެވެ.