ކުޅިވަރު ޓީމްތަކުން ހޯދި ކާމިޔާބީތަކަށް ބަލާއިރު، ރާއްޖޭގެ ފިރިހެން ޤައުމީ ވޮލީ ޓީމް އޮތީ ރާއްޖޭގެ ކުރީސަފުގައެވެ. މިވަގުތުވެސް 4 މެޑަލް އޮތް ވޮލީ ޓީމްގެ ކުޅުންތެރިން އެބަތިއްބެވެ. ނަމަވެސް މަދުވާ މުޙިއްމު އެކައްޗެއް އެބައޮތެވެ. އެއީ ރަން މެޑެއްޔެވެ.
ޤައުމީ ވޮލީ ޓީމަށް މިއަދު މަދުވަނީ ވޮލީބޯޅައިން ރަން މެޑެއްޔެކެވެ. އެކަމަށް އޮތް އެންމެ ފަހި ފުރުޞަތު އޮތީ ބޯމަތީގައެވެ. އެއީ މިމަހުގެ 22 ން 30 އަށް ރާއްޖޭގައި އޮންނަ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕެވެ. އެފުރުޞަތު ފަހި ފުރުޞަތަކަށް ވުމުގައި އެއް ސަބަބަށްވުރެ ގިނަ ސަބަބު އެބައޮތެވެ. އެންމެ މުޙިންމު އެއް ސަބަބަކީ މުބާރާތް ރާއްޖޭގައި ކުޅުމެވެ. މުޅި ވޮލީ އާއިލާގެ ކުރިމަތީގައި، ދިވެހި ސަޕޯޓަރުންގެ ކުރި މަތީގައި ކުޅުމެވެ. ހަމަ އެއާއެކު ރާއްޖޭގެ ޓީމް ރަން މެޑަލް ނޫން އެހެން މެޑަލްތައް ހޯދާފައިވުމެވެ. އަދި އެމެޑަލްތައް ހޯދި ކުޅުންތެރިންނާއި، ކޯޗުން މިއަދުވެސް ޓީމްގައި ތިބުމަކީ މިފަހަރުގެ ފުރުޞަތު ފަހި ފުރުޞަތަކަށް ވެގެންދާ މުޙިންމު ސަބަބެކެވެ.
ޤައުމީ ވޮލީ ޓީމްގެ ކެޕްޓަންކަން ކޮށް މިހާރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މުޙައްމަދު ސާޖިދު (ކާއްޓޭ) ޤަބޫލުކުރާގޮތުގައި މިއީ ފުރުޞަތުގެ ބޭނުން ހިފަން ޖެހޭ ވަގުތެވެ. މިއަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެއެވެ. މިފަދަ ފަހި ފުރުޞަތެއް ލިބޭނީ މަދުންކަމަށް އޭނާ ޤަބޫލުކުރެއެވެ.
" މެޑަލްއެއް ހޯދަން ލިބޭނެ އެންމެ ރަނގަޅު ފުރުޞަތު މިފަހަރު ރާއްޖެއަށް ލިބިފަ މިއޮތީ. މިކަހަލަ މަދު ފުރުޞަތެއް މެޑަލްއެއް ހޯދަން ލިބޭނީ. ކުޅުންތެރިންނާއި، ވޮލީގެ އާއިލާ އެއްކޮށް ނިކުމެ މިފަހަރު މިމެޑަލް ހޯދަން މަސައްކަތްކޮށްފިއްޔާ މިއީ ނުލިބޭނެ މެޑަލްއެއްނޫނޭ. މިކަހަލަ މަދު ފުރުޞަތުގެ ބޭނުން ހިފުމޭ އަޅުގަނޑުމެން އެންމެންގެވެސް އަޒުމަކީ." ޓީމާއެކު މިވަގުތު ތައިލެންޑްގައި ހުރެ ކާއްޓޭގެ އުއްމީދުތައް މައްޗެވެ.
މިފަހަރުގެ ޓީމްގައި ތިބި ސީނިއަރ ބައެއް ކުޅުންތެރިންނަކީ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ހުއްޓާލާއިރު ރަން މެޑެއްޔަކާއެކު ހުއްޓާލުމަކީ ދިވެހި ވޮލީގެ ކުރިމަގަށްވެސް މުޙިއްމުކަމެކެވެ. އެކުޅުންތެރިންނަށް އެކަން މުޙިއްމެވެ. އެކަމަށްވެސް އޮތް އެންމެ ރަނގަޅު ފުރުޞަތު އޮތީ މިމަހުއެވެ.
" މީގަ އެބަތިބި ދެއަހަރެއްގެ ތެރޭގައި ރިޓަޔަރ ކުރަންވެފަ ތިބި ކުޅުންތެރިން. އެކުޅުންތެރިން ރިޓަޔަރކުރުމުގެ ކުރިން ރަން މެޑަލް އަޅައިގެން ރިޓަޔަރ ކުރުން އަޒުމަކީ، އުއްމީދަކީވެސް." އެކުޅުންތެރިންނާއެކު ޤައުމީ ޓީމަށް ކުޅެ، ކެޕްޓަންކަން ކުރި ސާޖިދުގެ އުއްމީދަކީ އޭނާއަށް ކުޅުންތެރިއެއްގެ ގޮތުގައި ހާޞިލް ނުކުރެވުނު ކާމިޔާބީ އޭނާއާއެކު ކުޅުނު އެހެން ކުޅުންތެރިންނަށް ހާޞިލްވުމެވެ.
މިވަގުތު ރާއްޖޭގައި އޮތް ޓީމަކީ ވަރުގަދަ ޓީމެކެވެ. ޚާއްޞަކޮށް އެޓޭކް ވަރުގަދައެވެ. މިޓީމަކީ މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ތައްޔާރުކޮށްފައިވާ ޓީމެކެވެ. ޓީމް ތައްޔާރުކުރުމުގެ މުޙިއްމު މަސައްކަތް ކުރި ފަރާތްތައް މިއަދުވެސް ޓީމްގެ ތެރޭގައި އެބަތިއްބެވެ.
ޤައުމީ ވޮލީ ޓީމް ފުރަތަމަ މެޑަލް 2013 ވަނަ އަހަރު ހޯދީ ނޭޕާލްގައެވެ. ސެންޓްރަލް ޒޯންގައި ރިހި މެޑަލް ހޯދިއެވެ. 2015 ވަނަ އަހަރު ބަނގްލަދޭޝްގައިވެސް ދެވަނަ ހޯދިއެވެ. 2016 ވަނަ އަހަރު ލިބުނީ 3 ވަނައެވެ. މިިދޔަ އަހަރު ވޮލީ ޓީމްވަނީ މެލޭޝިޔާގައި އޮތް އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކޮށްވެސް 3 ވަނަ ހޯދާފައެވެ. އޭގެ ކުރިއަށް ޖެހިލާއިރު 2010 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލްގައި ކުޅުނެވެ. 2011 ވަނަ އަހަރުވެސް ސެމީފައިނަލްގައި ވާދަކުރިއެވެ.
ވޮލީ ޓީމްގެ މި ދަތުރުގައި މިހާރު މަދުވަނީ ރަން މެޑެއްޔެވެ. އެކަމަށް އޮތް ފަހި ފުރުޞަތުގެ ބޭނުން ހިފަން މުޅި ވޮލީ އާއިލާ އެކުގައި މަސައްކަތްކުރަންވީ ވަގުތަކީ މިއީއެވެ. ވޮލީގެ ސަޕޯޓަރުންގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ވަގުތަކީވެސް މިއީއެވެ.