ޚަބަރު

ސިޓީ ކައުންސިލުގައި ސަރުކާރުގެ މެމްބަރުން ނެތުމަކީ މައްސަލައެއް !


އައްޑޫސިޓީގެ ތަރައްޤީއަށް މިވަގުތު އޮތް ހުރަހަކީ ސަރުކާރު ތަމްސީލްކުރައްވާނެ މެމްބަރުން ސިޓީ ކައުންސިލްގައި ނެތުންކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު ތަރައްޤީއެއް އަންނަން ޖެހޭ އެއްސަރަޙައްދަކީ އައްޑޫ ސީޓީކަމަށެވެ. ޕާޓީ ނިޒާމްގެ ވެރިކަން ކުރާއިރު، ސަރުކާރު ތަމްސީލްކުރައްވާނެ މެމްބަރަކު ނެތުމަކީ ތަރައްޤީއަށް އޮތް ހުރަހެއްކަމަށާއި، އެކަން އައްޑޫ ސިޓީން ފެނިގެންދާކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުޘްމާން ވިދާޅުވީ، ރާއްޖޭގެ ދެކުނުގައި ގިނަ އެއަރޕޯޓްތަކެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި އޭގެ ނަތިޖާއަކަށް ވާނީ ދެކުނުގެ އަތޮޅުތައް ވައިގެ ދަތުރުފަތުރުން ގުޅާލާ، މި ސަރަޙައްދަށް ޔޫރަޕްގެ އެއަރލައިންތަކުގެ ޕްލައިޓްތައް އަންނަ ފެށުންކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މި ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދާނެކަމަށް ޖަމީލް ވިދާޅުވިއެވެ.