ސިއްހަތު

"ކަންބޮޑުވާ މިންވަރަށް ހުމުގެ ރޯގާ އަދި ނުފެތުރޭ"


ރާޢްޖޭގައި މިހާރު ފެތުރަމުން އަންނަ ހުމުގެ ރޯގާގެ ތެރޭގައި އެޗްވަން އެންވަން ފްލޫ ފެނުނު ނަމަވެސް ރައްޔިތުން ބިރުގަނެ ކަންބޮޑުވާންޖެހޭ ހާލަތަށް ހުން ފެތުރުމުން ނުދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިހާރު ފެތުރެމުން ދާ ހުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ހުމުން އެޗްވަން އެންވަންގެ ކޭސްތައް ފެނުނުނަމަވެސް ދޫނިރޯގާ ނުވަތަ ސުވައިން ފްލޫގެ އެއްވެސް ބަލި މީހަކު ނެތްކަމަށެވެ.މިހާރު ފެތުރެމުންދާ ހުމާ ގުޅޭގޮތުން ނޫސްވެރިންނަށް މުޢުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ މިހާތަނަށް 27 މީހަކު އެޗްވަން އެންވަން އަށް ފޮޒިޓްވެފައިވާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ފެތުރެމުންދަނީ ސުވައިން ފްލޫ ނުވަތަ ދޫނި ރޯގާ ނޫންކަމަށެވެ. އިންފުލުއެންޒާގެ ތެރެއިން އެޗްވަން އެންވަން ފެނުނު ނަމަވެސް އަދި ކަންބޮޑުވާންޖެހޭ ހާލަތަށް ގޮސް ރާއްޖޭގެ ސްކޫލްތަކާއި މަދްރާސާތައް ބަންދުކުރަންޖެހޭ ހާލަތަށް ނުދާކަމަށް ހެލެތް މިނިސްޓްރީން ވިދާޅުވިއެވެ.މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހުމާއި ގުޅޭ ކަންކަން ބެއްލެވުމަށް ހެލްތް މިނިސްޓްރީން އެކުލަވާލައްވާފައިވާ ފެނަލްގައި ހިމެނިވަޑަގަންނަވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އެޗްވަން އެންވަންގެ ބައެއް ކޭސްތައް ފެނުނުނަމަވެސް އެއީ މިހާރު ނުރައްކާތެރި ބައްޔެއް ނޫންކަމަށެވެ. އަދި އެ ބައްޔަށް ޚާއްސަ ޙާލަތުގައި ފަރުވާދިނުމަށް ބޭނުންކުރާ ބޭހާއި އެހެންނިހެން ސާމާނު ރާޢްޖެއިން ލިބެންހުރިކަންވެސް ޑރ ނިޔާފް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ފެތުރެމުންދާ ހުމަށް ބިރުގަނެ ތެޅިގަތުމުގެ ބަދަލުގައި ރައްކާތެރިވެ ތިބުމަށް ސަމާލުކަށްދިނުން މުހިއްމުކަމަށް ޑރ ނިޔާފް ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާރވިސަސް ޑރ ޝީޒާ އަލީ ވިދާޅުވީ، ފެތުރެމުންދާ ހުމުގައި އެޗްވަން އެންވަން ކޭސްތަކެއް ފެނުނުނަމަވެސް އަތޮޅުތަކުންގެ ރަށްތަކުން އެފަދަ އެއްވެސް ކޭސްއެއް ފެނިފައިނުވާކަމަށެވެ. އެހެންނަމަވެސް ހުން ފެތުރޭ މިންވަރު މިދުވަސްވަރު އިތުރުވެފައިވުމުން އެކަމަށް ރައްކާތެރިވުމަށް އަތޮޅުތެރޭގައި ސިއްޚީ ފަރުވާދޭ މަރުކަޒުތަކާ ގުޅިގެން ކޮށްގެން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުން އައުން، ކަރުގައި ރިހުން، ގައިގަ އަދި ބޮލުގައި ރިހުން ފަދަ އަލާމާތެއް ދިމާވާނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.2014 އަދި 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެޗްވަން އެންވަން އަށް ޓެސްޓްކުރި 475 މީހުންގެ ތެރެއިން 16 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.2009 ވަނަ އަހަރު ފެތުރުނު ސްވައިން ފްލޫ "ޕެންޑެމިކް"ގެ ފަހުން އެޗްވަން އެންވަން ބާވަތުގެ އިންފުލުއެންޒާ، އާންމުކޮށް ފެތުރޭ ފްލޫއެއްގެ ގޮތުގައި ފެތުރެމުންދެއެވެ. އެހެންނަމަވެސް މިހާރު މިއީ ގިނަ ބަޔަކަށް މިބަލި ޖެހި ރަނގަޅުވުމާއެކު ބަލީގެ ދިފާއީ ބާރު އުފެދުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރުކުޑަވެފައިވާ ރޯގާއެކެވެ.