ދުނިޔެ

އެމެރިކާއަކީ ޤައުމުތައް ސުންނާފަތި ކުރާ ބައެއް- އަސަދު


އެމެރިކާއަކީ ޤައުމުތަކުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ ބަދަލުގައި، އެޤައުމުތައް ފަނާކުރަމުންދާ ބައެއްކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ތުހުމަތުކުރައްވައިފިއެވެ. 

6 އަހަރަށްވުރެ ގިނަ ދުވަސްވީ ދާޚިލީ ހަމަނުޖެހުމެއް ހިނގަމުންދާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މިހެން ވިދާޅުވީ ޗައިނާގެ ފީނިކްސް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެެވެ. އަސަދުގެ ވާހަކަފުޅުގައި އެމެރިކާ ސިފައިން ސޫރިޔާގައި ހަރަކާތްތެރިވަމުންދާތީ އެކަމާއި ސުވާލު އުފައްދަވައި، އެކަމަށް ފާޑު ވިދާޅުވިއެވެ. 

އަސަދު ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަރަކާތްތެރިވަމުންދަނީ ސޫރިޔާ ސަރުކާރުގެ އެއްވެސް ހުއްދައެއް ނުހޯދައިކަމަށާއި އަދި އެއީ "އަރައިގަނެގެން" އުޅޭ ބައެއްކަމަށް ތުހުމަތުކުރެއްވިއެވެ. އަދި އައިސިސް ބަލިކުރުމަށް އެމެރިކާއިން މިހާތަނަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އަސަދު ވިދާޅުވިއެވެ. 

"ސޫރިޔާ ސަރުކާރުގެ އެއްވެސް ހުއްދައެއް ނުވަތަ މަޝްވަރާކުރުމަކާ ނުލައި، ސޫރިޔާގައި ހަރަކާތްތެރިވާ އެކި ޤައުމުތަކުގެ ސިފައިން ވާނީ "އަރައިގަނެގެން" އުޅޭ ބަޔަކަށް. އެއީ އެމެރިކާ ވިޔަސް، ތުރުކީ ވިޔަސް، އެހެން ޤައުމަކަށް ވިޔަސް" އަސަދު ވިދާޅުވިއެވެ.  

img:http://s1.psmnews.mv/images/660x400/14893305418563.jpg|އެމެރިކާގެ ސިފައިންގެ ބަޔަކު ސޫރިޔާއާ ކައިރި ސަރަޙައްދެއްގައި ހަރަކާތްތެރިވަނީ / އެމެރިކާ ސިފައިން ސޫރިޔާގެ ހަރަކާތްތެރިވަނީ ހުއްދަ ނުހޯދައި

އަސަދުގެ ވާހަކަފުޅުގައި އެމެރިކާއިން ޤައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވެގެން މިހާތަނަށް ހައްލެއް ހޯދިފައިނުވާކަން ފާހަގަކުރައްވައި، އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. 

"އަހަރެމެންނަކަށް ހިއެއްނުވޭ އެމެރިކާގެ އަމަލުތަކުގެ ސަބަބުން މިކަން ފަޞޭހަ ވެދާނެހެނެއް.. އެމީހުން ވަކި ކީއްކުރާނީ އައިސިސް ބަލިކުރަން..؟ އެމެރިކާއިން މިހާތަނަށް ކުރި ގިނަ ހަނގުރާމަތަކުން އެމީހުން ވަނީ ބަލިވެފައި.. އިރާޤުގައި ހަނގުރާމަ ފަށާފައި އެތަނުން ފޭބީ..ސޯމާލިއާގައިވެސް.. ވިއެޓްނާމާއި އަފްޣާނިސްތާނަށްވެސް ހެދީ ހަމަ އެހެން.. މޮޅު ނުވިޔަސް އެމީހުން ޤައުމުތަކަށް ސިފައިން ފޮނުވާނެ.. އެއީ ހަމައެކަނި އެތަންތަން ސުންނާފަތިކޮށްލުމުގެ ބޭނުމުގައި.. އެމީހުން ވަރަށް މޮޅުވާނެ އެކަމަށް.. އެކަމަކު މައްސަލަތަކަށް ޙައްލު ހޯދުމުގައި އެއީ އެހާ މޮޅު ބައެއް ނޫން" އަސަދު ވިދާޅުވިއެވެ. 

އެމެރިކާއަށް ފާޑު ވިދާޅުވެ އަސަދު ވާހަކަފުޅުދައްކާފައި މިވަނީ ސޫރިޔާގެ އުތުރުގައި އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސޫރިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވުމަށް އެމެރިކާ ސިފައިންގެ ޓީމެއް ބަރު ހަތިޔާރާއެކު އެސަރަޙައްދަށް ގޮސްފައިވަނިކޮށެވެ. ހަނގުރާމަވެރިން ތައްޔާރުވަމުންދަނީ އައިސިސްގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ރައްޤާއަށް ވަނުމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާ ދިފާއީ ވުޒާރާއިން އެމެރިކާ ސިފައިން ސޫރިޔާގައި ހަރަކާތްތެރިވަމުންދާކަން ކަށަވަރެއް ނުކޮށްދެއެވެ. 

img:http://s1.psmnews.mv/images/660x400/2794.jpg|ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ- (ފައިލް ފޮޓޯ: އޭޕީ)

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ އެމެރިކާއާއެކު މަޝްވަރާކުރެވިދާނެކަމަށެވެ. އަދިި ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އައިސިސް ބަލިކުރުމަށް މަސައްކަތްކުރުމަށް ނިންމި ނިންމެވުމަކީ އުއްމީދީ ނިންމެވުމަށްކަމަށް އަސަދު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ޓްރަމްޕްގެ ސަރުކާރުން މަޝްވަރާކުރުމަށް އެއްވެސް ހުށަހެޅުމެއް ނާންނަކަމަށް އަސަދު ވިދާޅުވިއެވެ.

އަސަދުގެ ވާހަކަފުޅުގައި ރަޝިޔާގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަރަކާތްތެރިވާ އައިސިސްގެ ހަނގުރާމަވެރިން ބަލިކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެއީ ސޫރިޔާ ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާކަމަށް އަސަދު ވިދާޅުވިއެވެ.

"އަހަރެމެން އުއްމީދުކުރަން އައިސިސް އަކީ ޓެރަރިޒަމްގެ ހުރިހާ މައްސަލަތަކުގެ އަސްލުކަމަށް ބަލައިގެން ވާހަކަދެއްކުމުގެ ވިސްނުން ދޫކޮށްލާނެކަމަށް. އައިސިސް އަކީވެސް ޓެރަރިސްޓް ބައެއް.. ހަމަ އެގޮތަށް އަލް ނުސްރާވެސް. އެމީހުންނަކީ އެއްކަހަލަ ބައެއް. ހައްދު ފަހަނައަޅާފައިވާ މީހުން." އަސަދު ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14893305942797.jpg|އައިސިސްގެ ހަނގުރާމަވެރިޔަކު ރައްޤާގެ މަގެއްގެ ޓްރެފިކް ބަލަހައްޓަނީ / ރައްޤާ ހިފުމަށް ސޫރިޔާ ސަރުކާރުން ދަނީ މަސައްކަތްކުރަމުން

އަސަދު ވިދާޅުވީ ސޫރިޔާ ސިފައިން އައިސިސްގެ ވެރިރަށް ކަމަށް ބަލާ ރައްޤާއާ ވަރަށް ކައިރީގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެތަން ސޫރިޔާ ސަރުކާރަށް ވަރަށް މުހިއްމުކަމަށާއި، އެތަން ސޫރިޔާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނާނޭކަމަށް އަސަދު ވިދާޅުވިއެވެ. އަދި އައިސިސްގެ ބާރުގެ ދަށުގައި އޮތް ޕަލްމީރާ ސޫރިޔާ ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުމުން އިރާޤާއި ސޫރިޔާއާ ދެމެދު އައިސިސްއިން މުދަލާއި އެހެނިހެން ތަކެތި ހޯދުމަށް ބޭނުންކުރި މަގުތައް ބަންދުވެފައިވާކަންވެސް އަސަދު ފާހަގަކުރެއްވިއެވެ. 

2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ހަތަރު ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތަކެއް ހާސް ބަޔަކު ވަނީ އަމިއްލަ ގެދޮރު ދޫކޮށް، ރެފިއުޖީ ހާލަތުގައި ޤައުމު ދޫކޮށްލާފައެވެ.