ޚަބަރު

"ހުށަހެޅި ހުރިހާ މައްސަލައެއް ވާނީ ޙައްލުކޮށްދީފައި"


އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މިހާތަނަށް ހުށަހެޅި، އެކޮމިޝަނުން ބެއްލެވި ހުރިހާ މައްސަލައަކަށް ހައްލު ހޯއްދަވައިދެއްވާފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ. 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 2014 ވަނައަހަރުގެ ތެރޭގައި އުފެއްދެވި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، ދައުލަތުގެ އިދާރާއަކުން ލިބިދޭންޖެހޭ މަޢުލޫމާތެއް ނުލިބިގެން އެކޮމިޝަނަށް ހުށަހެޅި ހުރިހާ މައްސަލައެއް ހައްލު ކޮށްދެއްވާފައިވާކަމަށެވެ. 

އަދި ދައުލަތުގެ ހުރިހާ އިދާރާތަކުންވެސް  އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ޢާންމު ފަރާތަކަށް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ލިބެންޖެހޭ މައުލޫމާތެއްވާނަމަ، އެކޮމިޝަނަށް އެކަން ހުށައަޅައިފިނަމަ އެމައުލޫމާތެއް އެކޮމިޝަނުން ހޯއްދަވައިދެއްވާނެކަމަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް 2016 ވަނަ އަހަރު 53 މައްސަލައެއް ހުށައަޅާފައިވާއިރު މީގެތެރެއިން 50 މައްސަލަ އެއަހަރުގެ ތެރޭގައި އެކޮމިޝަނުން ވަނީ ނިންމަވާފައެވެ. އިންފޮމޭޝަން ކޮމިޝަނުން ޢާންމުން ހޭލުންތެރިކުރެއްވުމުގެ ޕްރޮގްރާމްތައް މިދިޔަ އަހަރު މާލެއާއި އަތޮޅުތެރޭގައި ވަނީ ބާއްވަވާފައެވެ. މި ޕްރޮގްރާމްތަކުގައި 1184 މީހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރައްވާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނުން މައުލޫމާތުދެއްވައެވެ.