ރާއްޖެއިން މީސަލްސް ނުވަތަ ހިމަ ބިހި ނައްތާލުމުގެ ފަށްޓަވާފައިވާ ޤައުމީ ކެމްޕޭނުގެ ދަށުން އެމްއާރު ވެކްސިން ދިނުމަށް މުޅި ރާއްޖޭގައި ހިންގާ ޚާއްސަ ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނެޝަނަލް ވެރިފިކޭޝަން ކޮމެޓީގެ ޗެއާ ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ މިމަހުގެ 21 ވަނަދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. މި ކެމްޕޭންގެ މުއްދަތު އިތުރުކުރައްވާފައިވަނީ ކުރިން ކަނޑައެޅުއްވި ދެހަފްތާގެ މުއްދަތު ނިމުނު އިރު ކެމްޕެއިންގައި ހާސިލްކުރަން ބޭނުންވި އަމާޒު ހާސިލްކުރެވިފައި ނުވުމުންކަމަށް ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވިއެވެ.
މިިދިޔަ މަހު 26 ވަނަ ދުވަހު ފެށި ޕްރޮގްރާމް ކުރިއަށް ގެންދަން ކުރިން ނިންމާފައިވަނީ އިއްޔެގެ ނިޔަލަށެވެ. މި ޕްރޮގްރާމުގެދަށުން މިހާތަނަށް ވަނީ ވެކްސިން ޖަހަން ނިންމާފައިވާ އާބާދީގެ %62 މީހުންނަށް ވެކްސިން ޖަހައިފައެވެ.މީސަލްސް އަދި ރުބެއްލާއަށް ވެކްސިން ދިނުމުގެ ކެމްޕޭންގެ އަމާޒަކީ އުމުރުން 15 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން %98 މީހުންނަށް ވެކްސިން ދިނުމެވެ. އަދި މި ކެމްޕެއިނުގައި 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން މީސްލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ކުދިންނަށް ވެސް ވެކްސިން ދެވޭނެއެވެ.މި ކެމްޕެއިނުގެ ފުރަތަމަ ހަފްތާގައި ވެކްސިން ޖަހާފައިވާ މީހުންގެ އިންސައްތަ އާއި އަޅާ ބަލާއިރު ދެވަނަ ހަފްތާގައި ވެކްސިންޖަހާފައިވާ މީހުންގެ އިންސައްތަ ދަށްވެފައިވާ ކަމަށް އެޗް.ޕީ.އޭ އިން ހާމަކުރައްވައެވެ. އެ ގޮތުން ދެ ހަފްތާގެ މުއްދަތު ނިމުނު އިރު ރާއްޖޭގެ އަތޮޅުތަކާއި ރިސޯޓުތަކުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. ވެކްސިން ނުޖެހި ތިބި ގިނަ މީހުން ތިބީ މާލޭގައެވެ.ދެ ހަފްތާގެ މުއްދަތުގައި ވެކްސިން ޖަހާފައިވާ މީހުންނަކީ އަމިއްލަ އަށް އިސްނަގައިގެން ވެކްސިން ޖެހުމަށް އައި މީހުން ކަމަށް އެޗްޕީއޭ އިން ހާމަކުރައްވައެވެ. އެހެންކަމުން ވެކްސިން ނުޖަހާ ދެން ބާކީ ތިބި މީހުންނަށް ވެކްސިން ޖަހާނެ އިތުރު ގޮތްތަކެއް ހޯދައިދީ ވެކްސިން ޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ.މި ކެމްޕެއިނާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނެޝަނަލް ވެރިފިކޭޝަން ކޮމެޓީގެ ޗެއާ ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ ރާއްޖޭގެ 98 އިންސައްތަ މީހުން މީސްލްސް ވެކްސިންގ ގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. ނަމަވެސް މީސްލްސް ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި ދެވަނަ ޑޯޒް ވެސް ފުރިހަމަކުރަންޖެހޭ ކަމަށް ޑރ. އަބްދުލް އަޒީޒް ވިދާޅުވިއެވެ." ވެކްސިންގ ޖެހުމުގެ އިތުރަށް ކުރަންޖެހޭ ކަމަކީ ރާއްޖޭގައި މީސްލްސް ރޯގާ ނެތްކަން ޑަބްލިޔު.އެޗް.އޯ އާއި އަދި މީސްލްސް ވެރިފިކޭޝަން ރީޖަނަލް ކޮމެޓީއިން ޤަބޫލުކުރާ ފެންވަރަށް އަޅުގަނޑުމެން ޑިޒީސް ސާރވެލަންސް ހަދަންޖެހޭ. އެއީ މިބަލި ޖެހިދާނެ ފަދަ އަލާމާތްތައް ހުންނަ މީހުންގެ ލޭ އާއި އަރިދަފުސް ރޯގާގެ ދަވަ ނަގައިގެން ހަދާ ސާރވޭ އެއް. އަދި ބިދޭސީންނަށް ވެސް މި ވެކްސިންގ ދޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދަންޖެހޭ. މި ހުރިހައި ކަމަކަށް ބަލާފައި ޑަބްލިޔު.އެޗް.އޯގެ ވެރިފިކޭޝަން ނިންމަވާނެ ރާއްޖެ އަކީ މީސްލްސް ބަލި ނެތް ޤައުމެއް ތޯ؟" ޑރ.އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވިއެވެ.ވެކްސިންގ ދިނުމުގެ ހަރަކާތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހެލްތް ޕޮރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ މައިމޫނާ އަބޫބަކުރު ވިދާޅުވީ މި ކެމްޕެއިނަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާކަމަށެވެ."އާންމުން މިކަމަށް ދެއްވި ސަމާލުކަމާއި ވެކްސިން ޖެހުމުގެ ޝައުގުވެރިކަން ބަހައްޓަވައިގެން ވަޑައިގެން ވެކްސިން ޖެއްސެވިކަން ފާހަގަކުރެވޭ. އަޅުގަނޑުމެންނަށް މިހާތަނަށް ވެކްސިން ޖެހުމަށް އިންކާރުކުރި ނުވަތަ ވެކްސިން ޖެހުމާއި ދެކޮޅަށް މަސައްކަތްކުރި އެއްވެސް ފަރާތެއް ފެނިފައެއް ނެތް." މައިމޫނާ އަބޫބަކުރު ވިދާޅުވިއެވެ.ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ކުރިއަށް ގެންދަވާ ޤައުމީ ކެމްޕެއިން ފަށްޓަވާފައިވަނީ ނިމުނު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.