ދުނިޔެ

ސަޢޫދީ ރަސްގެފާނު މި މަހުގެ 18ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ


ސަޢޫދީއަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަޢޫދީ ރަސްގެފާނުގެ މި ދަތުރުފުޅަކީ ރަސްމީ ގިނަ ޢަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ދަތުރުފުޅެއް ކަމަށް ސަޢޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވެއެވެ. އެހެންކަމުން ރަސްގެފާނު ދިވެހިރާއްޖެއަށް ކުރައްވާ މިދަތުފުޅަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައިއޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު ރާއްޖެ ވަޑައިގަންނަވަނީ، އެމަނިކުފާނު އޭޝިއާގެ ފަސް ޤައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ޖަޕާނަށް ވަޑައިގަންނަވާނެއެވެ.

މިއީ ރަސްގެފާނު ސަލްމާން ޖަޕާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަށް ޖަޕާނުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. 

ސަޢޫދީ ރަސްގެފާނުގެ މިދަތުރުފުޅަކީ ޖަޕާނަށް އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ދަތުރުފުޅެއްކަމަށް ޖަޕާނުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. ޖަޕާނަކީ ސަޢޫދީޢަރަބިއާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދީ ބައިވެރިޔާއެވެ. ރަސްގެފާނު ޖަޕާނަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ހަކަތައިގެ ދާއިރާގައާއި، ޢުމްރާނީ ތަރައްޤީއަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަން ނިންމަވާނެކަމަށްބެލެވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ކުރިން ކޮށްފައިވާ އިޤްތިޞާދީ އެއްބަސްވުންތައް މިދަތުރުފުޅުގެ ތެރެއިން ތަންފީޒުކުރަން ފެށޭނެކަމަށް ސަޢޫދީޢަރަބިއާގެ ރަސްމީ ނޫސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

ރަސްގެފާނު ޖަޕާނު ދަތުރު ނިންމަވާލެއްވުމަށްފަހު ބުދަ ދުވަހު ވަޑައިގަންނަވާނީ ޗައިނާއަށް، އެއަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ.