ކުޅިވަރު

ކާމިޔާބީއަށް ވާސިލުވުމަށް ދުޅަހެޔޮ ޞިއްޙަތެއް


ޕްރޮފެޝަނަލް އެތްލީޓަކު ކެއުމުގައި ގެންގުޅެން ޖެހޭނެ އާދަތަކާއި ހަށިގަނޑު ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމުގެ މުހިންމު ކަމަށް އަމާޒްކޮށް ރާއްޖޭގެ ޤައުމީ ހުރިހާ އެތްލީޓުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. 

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން އިންތިޒާމް ކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ހުރިހާ ކުޅިވަރަކުން ގިނަ އަދަދެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެތްލީޓުން ގެންގުޅެން ޖެހޭނެ ރަނގަޅު ޑައިޓް ތަކުގެ މަޢުލޫމާތު ކުޅުންތެރިންނަށް ދެއްވީ ރާއްޖޭގައި މިވަގުތު ހުރި ހަމަ އެކަނި ޑައިޓީޝަން އާސިޔާ ޢަބްދުއްރަޙީމްއެވެ.

 އެތްލީޓުން ފިޓް ބައެއްގެ ގޮތުގައި ތިބުމަށް ބޭނުން ކުރަންޖެހޭ އެންމެ ރަނގަޅު ކާނާއާއި އެތްލީޓަކު ކެއިން ބުއިމުގައި ބޭނުން ކުރަން ނުޖެހޭ ބާވަތްތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގައި އާސިޔާވަނީ ވިދާޅުވެ ދެއްވާފައެވެ. މީގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައިވެސް ޕްރޮފެޝަނަލް އެތްލީޓެއްގެ އަޚްލާޤް އެތްލީޓަކު ގެންގުޅެފިނަމަ ހަށިގަނޑަށް އަންނަ ހެޔޮ ބަދަލްތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގައި ޙިއްސާ ކުރެއްވީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤްއެވެ. ވޭތުވެދިޔަ ބާރަ ހަފްތާ ޕްރޮފެޝަނަލް އެތްލީޓެއްގެ އަޚްލާޤް ހިފަހައްޓާ މަރޭ ކުރެއްވި ތަޖުރިބާ މި ބައްދަލުވުމުގައި އެތްލީޓުންނާވަނީ ޙިއްސާކޮށްފައެވެ. 

img:http://s2.psmnews.mv/images/660x400/14892937090255.jpg|އޮލިމްޕިކް ކޮމިޓީއިން ރޭ ބޭއްވި ބައްދަލްވުމުގެ ތެރެއިން

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މަޢުލޫމާތު ދެއްވާ ގޮތުގައި މަޢުލޫމާތު ދިނުމުގެ މިފަދަ އިތުރު ބައްދަލުވުންތައް ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދާނީ ވަކިވަކި ކުޅިވަރުތަކަށް އަމާޒްކޮށްގެންނެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުއް ރައްޒާޤްވެސްވަނީ އެތްލީޓުންނާ ބައްދަލުކުރައްވާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ.