ކުޅިވަރު

ކޭމްޕްގައި ކުޅުންތެރިން ވާދަކުރުމުގެ ފުރުޞަތެއް ނެތް- ޝަރަފް


ރާއްޖޭގެ ސީޏިއަރ ޤައުމީ ވޮލީބޯޅަ ޓީމް ތައިލެންޑްގައި މިހާރު ފުރިހަމަކުރަމުންދާ ތަމްރީންތަކުގައި ކުޅުންތެރިން، ކުޅުންތެރިންނާ ވާދަކޮށް ޓީމަށް އެރުމުގެ ފުރުޞަތު ނެތްކަމަށް ކޯޗު މުޙައްމަދު ޝަރަފް ބުނެފިއެވެ.

މިމަހުގެ 22 ން 30 އަށް ރާއްޖޭގައި އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ތައިލެންޑްގައި ތަމްރީން ހޯދަމުންދާ ޓީމްގެ ކޯޗު ބުނީ ޓީމް މިހާރު އޮތީ ފައިނަލް ކުރެވިފައިކަމަށާއި، ތަމްރީން ކޭމްޕްގައި ކުރާކަމަކީ ޓީމް މެޗުތަކަށް ތައްޔާރުކުރުންކަމަށެވެ. ކޯޗު ބުނީ ޓީމަށް ބަދަލެއް އަންނާނީ ބޮޑު ކަމެއް ދިމާވެގެންކަމަށެވެ. މީގެއިތުރުން ތަމްރީން ޕްރޮގްރާމުން ހާޞިލްކުރަން ބޭނުންވާކަމަކީ ޓީމް ވަރކް ރަނގަޅުކޮށް، ޓީމް ބިލްޑްކުރުންކަމަށް ކޯޗު ޝަރަފް ބުންޏެވެ.

" މިކޭމްޕްގެ މަޤްޞަދަކީ ޓީމް ނެގުމެއްނޫން. އަޅުގަނޑުމެންގެ މަޤްޞަދަކީ ނަގާފަ އޮތް ޓީމް މެޗަށް ތައްޔާރުކުރުން. މިހާރު ޓީމް އޮތީ ގާތްގަނޑަކަށް ފައިނަލްކުރެވިފަ. އިތުރުކަމެއް، އިތުރު ކުޅުންތެރިއަކަށް އިންޖަރީއެއްކަހަލަ ކަމެއް ނުވަންޏާ ޓީމަށް ބަދަލެއް ނާންނާނެ. ނެގިފަ އޮތް ޓީމް ރަނގަޅަށް ޕާފޯމްކޮށް ޓީމް ޓީމެއްގެ ގޮތުގައި ކުޅުން މަޤްޞަދަކީ " ރޭ ޓީމާއި ގުޅި މިއަދުގެ ހެނދުނު ޕްރެކްޓިސްގެ ތެރެއިން ކޯޗު ބުންޏެވެ.

މި ކޭމްޕްގައި ފަސް މެޗް ކުޅުމަށް މިހާރުވެސް ވަނީ ހަމަޖެހިފައެވެ. ޓީމްގެ މެނޭޖަރ ޑިލައިޓް އަލީ ލަތީފް ބުނީ ފަސް މެޗު މިހާރުވެސް ހަމަޖެހި، އެއް މެޗު ކުޅެވެސް ނިމިފައިވާކަމަށެވެ. އަދިވެސް އިތުރު މެޗެއް ހަމަޖެހޭތޯ ބަލަމުންދާކަމަށް ޤައުމީ ޓީމާއެކު މީގެކުރިންވެސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަލީ ލަތީފް ބުންޏެވެ.

އޭނާ ބުނީ ތައިލެންޑްގައި ޤައުމީ ޓީމް ވާދަކުރަނީ ރަނގަޅު ޓީމްތަކަކާކަމަށާއި. ރާއްޖޭގެ ޤައުމީ ޓީމުން ހާޞިލްކުރަން ބޭނުންވާ ކަންކަން ތައިލެންޑްގައި ހާޞިލްވަމުންދާކަމަށެވެ.

" މުބާރާތަށް ތައްޔާރުވާން ބެންކޮކަކީ ހަމަ އެންމެ ރަނގަޅު އެއްތަނޭ އަޅުގަނޑު ދަންނަވާނީ. ޓްރެއިނިންގ ކޭމްޕްގަ އަންނަން. ޓްރެއިނިންގއަށްވެސް ހަމަ ރަނގަޅު ވަރުގަދަ ޓީމްތައް ލިބޭ. " އަލީ ލަތީފް ބުންޏެވެ.

ސެންޓްރަލް ޒޯނަށް ތައްޔާރުވުމަށް ޤައުމީ ޓީމް މިމަހުގެ 9 ން 19 އަށް ތައިލެންޑްގައި ތަމްރީން ހޯދާނެއެވެ. ޤައުމީ ޓީމް ތައިލެންޑްގައި ތަމްރީން ހޯދަމުންދަނީ 14 ކުޅުންތެރިންނާއެކުގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމް މިމަހުގެ 22 ވަނަ ދުވަހު ވާދަކުރާނީ ކިރްގިސްތާނާއެވެ. މީގެއިތުރުން މުބާރާތުގައި ވާދަކުރާނީ ތުރުކުމެނިސްތާނާއި، ނޭޕާލެވެ.