ކުޅިވަރު

ކުރިއަށްދާން ބޭނުން ނަމަ ފުރަތަމަ މެޗު މުހިންމު - މާޒިޔާގެ ކޯޗް


އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ކުރިއަށް ދާން ބޭނުންކަމަށްވާނަމަ މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރުން ވަރަށް މުހިންމުކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނެފިއެވެ. 

މިއަންނަ އަންގާރާ ދުވަހު އޭއެފްސީކަޕްގެ ގުރޫގް ސްޓޭޖްގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ވާދަކުރާ މެޗަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނީ ކޮންމެ މުބާރާތެއްގައިވެސް ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއްކަމަށެވެ. 

ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާއަކީ މޮޅު ޓީމެއްކަމަށާ މާޒިޔާއިންވަނީ އެޓީމާ ބެހޭ ހުރިހާ މަޢުލުމާތެއް އެއްކޮށް، އެޓީމްގެ ކުޅުމުގެ ވައްޓަފާޅީއާ، ވަކިވަކި ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ދަސްކޮށްފަ ކަމަށް މާޒިޔާގެ ކޯޗް ބުންޏެވެ. މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީބުނީ އެންމެ ފުރަތަމަ ކަމަކީ މެޗްގައި އިދިކޮޅު ޓީމަށް މާބޮޑަށް ނުވިސްނާ މާޒިޔާއިން މެޗްގައި މޮޅަށް ކުޅުންކަމަށެވެ.

"އަބަދުވެސް ވިސްނަން ޖެހޭނީ މާޒިޔާއިން މޮޅަށް ކުޅެން. ލީގުގައި ބައްޔެއް މިހާތަނަށް ވެފައިނުވާތީ ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް މިހާރުވަނީ ލިބިފަ. މާޒިޔާއަކީ މިހާރު އޭއެފްސީ ކަޕަށް އާޓީމްއެއް ނޫން. އަދި ބަންގްލަދޭޝްގައި އެންމެ ފަހުން ނިމިނިގެންދިޔަ މުބާރާތުގައި އެގައުމުގެ ޗެމްޕިއަން ޓީމް ވާދަކުރި މެޗްތަށް އަހަރުމެންވާނީ ވަރަށް ރަނގަޅަށް ބަލާ އެޓީމްގެ މައުލުމާތު ހޯދާފަ." މަޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުންޏެވެ.

މާޒިޔާގެ ކޯޗް ސެކުލޮސްކީބުނީ މިއަހަރުގެ އޭއެފްސީގައި ރާއްޖޭގެ ޓީމަކަށް ހަމައެކަނި މާޒިޔާވުމުން، މިއީވެސް ކުޅުންތެރިންނަށް ލިބިފައިވާ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. ގައުމަށާއި ކުލަބަށް ރީތިނަން ހޯދައިދިނުމަށް ކުޅުންތެރިންތިބީ ކެތްމަދުވެފައިކަމަށްވެސް މަޒިޔާގެ ކޯޗް ބުންޏެވެ.