ޚަބަރު

"މަސްވެރިން ކިރުވާ މަހަށް މިހާރު ބަރާބަރަށް ފައިސާ ލިބޭނެ


އެސް.ޓީ.އޯގެ ދަށަށް މިފްކޯ ބަދަލުކުރުމާއެކު، މަސްވެރިން ކިރުވާ މަހަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދެން ފަށާފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގެ މަސްވެރިންނާއި ބައްދަލުކޮށްލެވުމަށް ފިޝަރީޒް މިނިސްޓަރ އެއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫ މަސްވެރިންނާއި ބައްދަލު ކުރެއްވުމަށްފަހު ޕީ.އެސް.އެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު އެޅުއްވީ ހަރުދަނާ މުހިއްމު ފިޔަވަޅެއްކަކަމަށެވެ.

ތިނަދޫގެ މަސްވެރިންގެ މިހާރުގެ މައިގަނޑު ޝަކުވާއަކީ އައިސް ލިބުމުގެ މައްސަލަ ކަމަށާއި، އައިސް ލިބުމަށް ދިމާވެފައިވާ ހުރިހާ ދަތިތައް މިހާރު ހައްލުކޮށް، ފަރެސްމާތޮޑާ ނޫން އައިސްޕްލާންޓް ހުރި ހުރިހާ ރަށެއްގެ ޕްލާންޓްތަކުގެ މައްސަލަތައް ހައްލުކޮށް އައިސްވިއްކަން ފަށާފައިވާކަމަށެވެ.  

img:http://s3.psmnews.mv/images/660x400/14892245305952.jpg|ފިޝަރީޒް މިނިސްޓަރ ގެމަނަފުށި ރައްޔިތުންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިނިސްޓަރ ޝައިނީ ވިދާޅުވީ، މީގެކުރިން މަސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އަންނަނީ އެމީހުން ބާނާ މަހަށް ލާރިލިބުން ލަސްވާތީ އެކަމާގުޅޭ ޝަކުވާކަމަށެވެ. ނަމަވެސް އެސްޓީއޯއާއި ހަވާލުކުރެއްވިފަހުން އެކަން ހައްލު ކުރެވިފައިވާކަން ބައްދަލުކުރެއްވި ބައެއް މަސްވެރިންގެ ފަރާތުން ހާމަވިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ޝަކުވާ އަންނާނީ، ފައިސާ ނުލިބޭ ވާހަކަ. އެކަމަކު އިރާދަކުރެއްވިއްޔާ، ރައީސުލް ޖުމްހޫރިއްޔާ މިކަންކަމަށް ވިސްނަވާފައި ގެނައި ބަދަލަކާއި ގުޅިގެން މިހާރު އެސް.ޓީ.އޯގެ ދަށަށް މިފްކޯގެ ބޯޑު ބަދަލުކޮށް މިފްކޯ އެކުންފުނީގެ ބެލުމުގެދަށުން ކުރިއަށްގެންދަވާއިރު، އަޅުގަނޑަށް ދީފައިއޮތް ޔަގީންކަމަކީ، މާޗްމަހުން ފެށިގެން ލާރި ނުދީ އެއްވެސް ދޯންޏެއް ނޯންނާނެކަމަށް. ހަފްތާއެއްގެ ތެރޭގައި އެބޭފުޅުންނަށް އެލާރިދީ ނިމޭނެކަމަށް. އިރާދަކުރެއްވިއްޔާ، މިއަދު އެކަން ޔަގީންވެގެން ގޮސްފި. މަސްވެރިން އެބަވިދާޅުވޭ މިއަދު އެކަން ރަނގަޅުވެފައި އޮތްކަމަށް." މިނިސްޓަރ ވިދާޅުވިއެވެ. 

މިދަތުރުފުޅުގައި ގއ. ގެމަނފުށީގެ މަސްވެރިންނާއިވެސް ބައްދަލުކުރައްވައި، އެމީހުންގެ ޝަކުވާތައް ޑރ. ޝައިނީ ވަނީ އަޑުއައްސަވައި އެކަންކަމާއި ގުޅިގެން ގެނެވިދާނެ ހައްލުތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.