ދުނިޔެ

ކޮރެޔާގެ ރައީސް މަޤާމުން ދުރުކޮށް، އިންތިޚާބެއް ބާއްވަނީ !


ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގައި ދެކުނު ކޮރެޔާގެ ރައީސް ޕާކް ގުން ހައި މަޤާމުން ވަކިކުރުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމެވި ނިންމުމަށް، އެޤައުމުގެ ދުސްތޫރީ ކޯޓުން ތާޢީދުކޮށްފިއެވެ.

ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުން ޕާކްގެ މައްޗަށް އިތުބާރު ނެތްކަމަށް މިދިޔަ ޑިސެމްބަރުމަހު ފާސްކުރި ނަމަވެސް އެނިންމުމާއި މެދު އެޤައުމުގެ ދުސްތޫރީ ކޯޓުން ގޮތެއް ނިންމަވަދެން، ޕާކް ހުންނެވީ ރައީސްގެ މަޤާމުން ސަސްޕެންޑްކޮށްފައެވެ. ދުސްތޫރީ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން އިއްޔެ ނިންމެވީ ކޮރެޔާގެ ޕާލިމެންޓުގެ ނިންމެވުމަށް ތާޢީދުކުރެއްވުމަށެވެ. ކޯޓުގެ ނިންމެވުމާއެކު ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމުން ޕާކް ރަސްމީގޮތުން މަޤާމުންް ވަކިކުރެވުނީއެވެ. އަދި އޭނާއަށް ލިބިވަޑައިގެންފައިވާ ހުރިހާ އިމްތިޔާޒްތަކެއް ގެއްލި، އޭނާއާ ދެކޮޅަށް ދަޢުވާކުރުމުގެ ބާރު ސަރުކާރަށް ވަނީ ލިބިފައެވެ. 

ޤާނޫނު ހަދާ މަޖިލީހުގެ ނިންމެވުމަށް ތާޢީދުކޮށް، ދުސްތޫރީ ކޯޓުން ޕާކް މަޤާމުން ވަކިކުރަން ނިންމެވުމުން ޕާކް ހައްޔަރުކުރުމަށް އޭނާއާ ދެކޮޅު ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. އެއާއެކު އެޤައުމުގެ މަގުތަކުގައި މުޒާހަރާތައް އިތުރުވެ، ޕާކްއަށް ތާޢީދުކުރާ ފަރާތްތަކާއި އޭނާއާ ދެކޮޅު ފަރާތްތަކުގެ މެދުގައި ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. މިހަމަނުޖެހުންތަކުގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާކަމަށް ޙަބަރު ލިބެއެވެ.

img:http://s2.psmnews.mv/images/660x400/14892210586660.jpg|ކޮރެޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން

ދެކުނު ކޮރެޔާގެ ރައީސް މަޤާމުން ދުރުކުރަން ޕާލިމެންޓުން މިދިޔަ ޑިސެމްބަރުމަހު ނިންމެވުމާއެކު، އެޤައުމުގެ ބޮޑުވަޒީރު ހުވާންގ ކިޔޯ ވަނީ އެޤައުމުގެ ވަގުތީ ރައީސަކަށް ހަމަޖައްސާފައެވެ. 

ދުސްތޫރީ ކޯޓުން ޕާކް މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން އެޤައުމުގައި އައު ރައީސެއް އިންތިހާބުކުރުމަށް ބާޢްވާ އިންތިހާބު ފަސްދޮޅަސް ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. މިގޮތުން އަންނަ މޭ މަހުގެ ނުވަވަނަ ދެކުނު ކޮރެއާގައި ރިޔާސީ އިންތިހާބު ބާއްވާނެކަމަށް އެޤައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް އިލެކްޝަން ކޮމިޝަންގެ ރައީސް ކިމް ޔޮން ދިއޮކް ވިދާޅުވީ ޤައުމުގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ވީހާވެސް އަވަހަށް އިންތިހާބެއް ބޭއްވުން މުހިންމުކަމަށެވެ. އަދި އިންތިޚާބަކީ ދެފުށް ފެންނަ ހަމަހަމަ އިންތިހާބަކަށް ހައްދަވާނޭކަމަށް އޭނާ ވިދާޅުވިއެވެ. 

ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމުން ވަކިކުރެއްވި ޕާކްއަކީ ދެކުނު ކޮރެއާގައި ޑިމޮކްރަސީގެ ހަމަތަކުން އިންތިހާބުކޮށްފައިވަނިކޮށް ކޮރަޕްޝަންގެ މައްސަލައެއްގައި މަޤާމުން ވަކިކުރެވުނު ފުރަތަމަ ރައީސްއެވެ. މީގެ ކުރިންވެސް އެޤައުމުގެ ރައީސެއްގެ މައްޗަށް އިތުބާރުނެތްކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވެއެވެ. ނަމަވެސް އެފަހަރު އެޤައުމުގެ ދުސްތޫރީ ކޯޓުން ވަނީ އެކަމާ ދެކޮޅަށް ޙުކުމް އިއްވާފައެވެ.