ޚަބަރު

ސަރުކާރުން އެއްވެސް ރައްޔިތަކު މުޖުތަމައުން ހަވާސާވިޔަ ނުދެއްވާނެ


ސަރުކާރުން ދިވެހި އެއްވެސް ރައްޔިތަކު މުޖުތަމައުން ހަވާސާވިޔަ ނުދެއްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވީދާޅުވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުޓީ ސްޓަޑީސްއިން އިހަވަންދޫގައި ހިންގި ކޯސްތަކުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުޓީ ސްޓަޑީސްއިން އިހަވަންދޫގައި ހިންގި ކޯސްތަކުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މުޖުތަމައުގައި އަޅާލުން ބޭނުންވެފައިވާ ހުރިހާ އެންމެންނަށް އެއްވެސް އިސްތިސްނާއެއް ނެތި ސަރުކާރުން އެހީތެރިވެވަޑަގަންނަވާނެކަމަށެވެ.

އެއްވެސް ފަރުދަކު ތަފާތުކުރުމެއް ނެތި އިޖްތިމާއީ ނިޒާމުގައި ބައިވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުއްވާ ވަރަށް ހަރުދަނާ، ޤައުމުގެ ރައްޔިތުންގެ އިހްސާސްތަކާ ސީދާ ގުޅުންހުރި އޯގާތެރި ސިޔާސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ޤައުމާއި ރައްޔިތުންނަށް ބޭނުންވާ ދާއިރާތަކުން ދިވެހި ސިފައިން އިސްވެ ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ސިފައިންނާ މެދުގައި ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އިތުރަށް ބޮޑުވެގެންދިޔަ ސަބަބެއްކަމަށެވެ. އަދި ދިވެހިރާއްޖޭގައި އަމަން އަމާންކަން ޤާއިމުކުރެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން ދިވެހިރާއްޖޭގައި އިޖްތިމާއީ ހަމަޖެހުން ޤާއިމުކޮށްދެއްވާފައިވުމަކީ، ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ސީދާ ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދިޔަ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފްގެ ކްލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އިން އިހަވަންދޫގައި ކުރިއަށްގެންދިޔަ ސެޓްފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިން ކޯސް 174 މީހަކު ވަނީ ފުރިހަމަކޮށްފައެވެ. މީގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 6 މީހުންވެސް ހިމެނެއެވެ. މިކޯސް ކުރިއަށްގެންގޮސްފައިވަނީ ސްކޫލް ދަރިވަރުންނާއި، މުއައްސަސާތަކުގެ މުއައްޒަފުންނަށް ޚާއްޞަ ކޮށްގެންނެވެ.

މި ކޯސް ފުރިހަމަކުރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވީލްޗެއަރ ބޭނުންވާ 4 މީހުންނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ އިލެކްޓްރިކް ވީލްޗެއަރ ހަދިޔާކުރައްވާފައެވެ. ވީލްޗެއަރ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. އަދި މި ކޯސް ފުރިހަމަކުރި ނުކުޅެދުންތެރިކަން ހުރި 2 ކުއްޖަކަށް ސިފްކޯއިން ވަޒީފާ ހަމަޖައްސަވައިދެއްވާ އެކަމުގެ ލިޔުންވެސް މި ޙަފްލާގައި ވަނީ ޙަވާލުކޮށްދެއްވާފައެވެ.