ޚަބަރު

ރައީސްގެ އަނބިކަނބަލުން އިހަވަންދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއަށް ވަޑައިގެން އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން އިހަވަންދުއަށް މިއަދު ވަޑައިގަތުމުން އެރަށުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އެރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނުކުމެފައިވެއެވެ.

އިހަވަންދުއަށް ވަޑައިގެން އެކަމަނާ ވަނީ އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވަނީ އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދެވުމަށް ސަރުކާރުން ނިންމަވާފައިވާ އައިހަވަން މަސްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ޝުޢޫރު ހުރިގޮތް ހާމަކޮށްދޭ ޚާއްޞަ އައިޓަމެއް ހުށައަޅައިދީފައެވެ.

އެކަމަނާ މިއަދު ވަނީ އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ކޮމީޓީގެ މެންބަރުންނާއި، އިސްރަށްވެހިންނާވެސް ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމަށް ނިޞްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތީން ފަށްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް، އެމީހުންގެ ޙާލު ބައްލަވައި، މިހާރުން މިހާރަށް ބޭނުންވާކަންކަން ދެނެގަތުމުގެ މަސައްކަތް އެޑްވާންސް ޓީމްތަކެއް ފޮނުވައިގެން ގެންދަވަނީ ބައްލަވަމުންނެވެ. އަދި އަތޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނާ އެކަމަނާ ބައްދަލުކުރައްވައި އަމިއްލަފުޅަށްވެސް އެހީވެދެއްވައެވެ.