ވިޔަފާރި

ގެސްޓުހައުސްތަކަށް ޙާއްސަ އެވޯޑު ހަފްލާއެއް ބާއްވަނީ


މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ވަކި އެޑިޝަން އެއްގެ ގޮތުގައި ގެސްޓުހައުސްތަކަށް ޙާއްސަ އެވޯޑު ހަފްލާއެއް ބޭއްވުމަށް ނިންމާ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގެސްޓުހައުސް އެޑިޝަންގެ އިތުރުން މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތައް ފާހަގަކުރުމަށް ޕީޕަލްސް އެޑިޝަނެއް އިތުރުކޮށްފައެވެ.

މި އެވޯޑްތައް ތަޢާރަފްކޮށް އެކަން މަޓާޓޯއިން އިއުލާންކޮށްފައިވަނީ މިހާރު ޖަރުމަންވިލާތުގެ ވެރިރަށް ބަރލިންގައި ކުރިއަށްދާ އައިޓީބީ ފެއަރގައެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ، ޓްރެވަލް އެވޯޑްސްގެ ގެސްޓު ހައުސް އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ގެޓަވޭސްއުން ބާއްވާ ގެސްޓުހައުސް ކޮންފަރެންސް ނިމުމުގެ ހަފްލާގައި ކަމަށެވެ. އަދި ޕީޕަލްސް އެޑިޝަން ބާއްވާނީ ޓްރެވަލް ޓްރޭޑު ޝޯގެ ގާލާ ނައިޓުގައި ކަމަށެވެ. އަދި މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އޮންނާނީ މިއަހަރުގެ ނޮވެމްބަރމަހުކަމަށްވެސް  ޤިޔާސް ވިދާޅުވިއެވެ.

މިއަހަރުގެ އެވޯޑު ނައިޓްގައި ޖުމްލަ 50 އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލްމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯ އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޭ އެވޯޑެކެވެ.