ކުޅިވަރު

ޝެއިޚް ކަމާލް ކަޕަކީ މާލޭ ލީގަށް ހިތްވަރެއް - ނިޒާމް


ޝެއިހް ކަމާލް އިންޓަރނޭޝަނަލް މުބާރާތް ކާމިޔާބުކުރެވިފައި ވުމަކީ މާލޭ ލީގާ ކުރިމަތިލާއިރު ވަރަށް ބޮޑު ހިތްވަރެއްކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. ރާއްޖެއިން ބޭރުގެ މުބާރާތަށްފަހު ރާއްޖޭގެ ސީޒަންގެ ރަސްމީ ފުރަތަމަ މެޗުގައު މިރޭ ވެލެންސިޔާއާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނިޒާމް ބުނީ ކާމިޔާބީއާ ގުޅިގެން ކުޅުންތެރިންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަމަށެވެ. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނުނަމަވެސް އިތުބާރާއެކު ކުޅެފިނަމަ މޮޅު ވުމުގެ ފުރުސަތު އޮންނާނެކަން މިހާރު ކުޅުންތެރިންނަށް އިނގޭނެކަމަށް ނިޒާމް ބުންޏެވެ. ނިޒާމް ބުނީ ބަނގަލަދޭޝް މުބާރާތާއި، މާލޭ ލީގަކީ ތަފާތު ދެ މުބާރާތްކަމަށާއި، ވެލެންސިޔާވެސް ރަނގަޅު މެޗުތަކެއް ކުޅެފައިވާކަމަށެވެ. ކުލަބް ވެލެންސިޔާއަކީ އޭއެފްސީކަޕް ކޮލިފިކޭޝަންގައި ވަރުގަދަ މެޗުތަކެއް ކުޅެފައިވާ ޓީމެއްކަމުން، ޓީސީން ވެލެންސިޔާއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށްވެސް ރާއްޖެއިން ބޭރު މުބާރާތަކުން ދިެވހި ކްލަބަކަށް ފުރަތަމަ ތަށި ހޯދައިދިން ކޯޗު ބުންޏެވެ.

"ވެލެންސިޔާއަކީ ވަރުގަދަ ޓީމެއް. އަހަރެމެން އެޓީމަށް ވަރަށް ބޮޑަށް ސަމާލުވާނަން. އެއްވެސް ވަރަކަށް ވެލެންސިޔާއަކީ ދެރަ ޓީމެއް ގޮތުގައި ޓީސީން ނުދެކޭނަން. ޓީސީ މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ، ކުޅުންތެރިން ތިބީ ވަރަށް ގޯގަ. މާލޭ ލީގުގެ ފުރަތަމަ މެޗަށްވީމަ، މިމެޗް ކާމިޔާބު ކުރުމަކީވެސް ޓީސީއަށް ވަރަށް މުހިންމުކަމެއް." ނިޒާމް ބުންޏެވެ.

ކުލަބް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނީ ޓީސީއަަކީ ވަރުގަދަ ޓީމެއްކަމަށާއި، ވެލެންސިޔާއިން ޓީސީއަށް އެންމެ ތަންކޮޅެއްވެސް ދޫ ނުދޭނެކަމަށެވެ. ޝެއިހް ކަމާލް އިންޓަރނޭޝަނަލް މުބާރާތް ޓީސީން ކާމިޔާބުކުރުމުން އެޓީމްގެ ކުޅުންތެރިން ތިބޭނީ ވަރަށް ފޯމްގައިކަމަށާއި، ކުލަބް ވެލެންސިޔާއިން އެކަން ވަރަށް ރަނގަޅަށް ދަންނާނެކަމަށްވެސް ފެސްކޯ ބުންޏެވެ.

"ޓީސީ މިވަގުތު އޮތީ ވަރަށް ފޯމްގަ. ވެލެންސިޔާ އެއޭފްސީކަޕްގެ ކޮލިފިކޭޝަން މެޗުތަކެއް ކުޅެފައިވުމުން، ވެލެންސިޔާގެ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމްގަ. ޓީސީ ކިތަންމެ ފޯމްގައި އޮތްނަމަވެސް މެޗަށް ނިކުންނައިރު ވާނެ ގޮތެއް ނޭންގޭނެ. ފުޓްބޯޅައަކީ މާކުރިން ގޮތް ކިޔަން ނޭންގޭ ކުޅިވަރެއް. ވެލެންސިޔާއިން ޓީސީއަށް އިހުތިރާމް ކުރާނަން، ނަމަވެސް މެޗުން މޮޅުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން." ފެސްކޯ ބުންޏެވެ.

ޓީސީއާއި ވެލެންސިޔާ މިރޭ ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.