ކުޅިވަރު

މޮޅަށް ކުޅުން، ތިން ގޯލަކީ ރަނގަޅު ނަތީޖާއެއް - ސެކްލޮސްކީ


ރޭ ގްރީން ސްޓްރީޓް އަތުން މޮޅުވި މެޗުގެ ދެވަނަ ހާފްގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅޫމެއް ފެނުނުކަމަށާއި، ނަތީޖާވެސް ރަނގަޅުކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކްލޮސްކީ ބުނެފުއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ 3-0 ން ގްރީން ސްޓްރީޓް އަތުން މޮޅުވެ، އޭއެފްސީކަޕް މެޗުގެ ކުރިން އިތުބާރު ބޮޑުކުރި މެޗަށްފަހު ކޯޗު ބުނީ ފުރަތަމަ ހާފްގައި ދަށްކޮށް ދިޔަނަމަވެސް ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނު ކަމަށާއި، ހިތްހަމަ ޖެހޭކަމަށެވެ. ތިނެއް ސުމެއްގެ ނަތީޖާއަކީ ރަނގަޅު ނަތީޖާއެއްކަމަށާއި، މިއީ ކުޅުންތެރިން ކުރި ހިތްވަރުކަމަށް ކޯޗު ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗު ޞަބާހު މުޙައްމަދު ބުނީ މާޒިޔާ އަތުން ބަލިވެގެން ހިތްވަރުދެރަވާން ނުޖެހޭކަމަށެވެ. ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރާއިރު މާޒިޔާ އަތުން ބަލިވުން މައްސަލައެއް ނޫންކަން ފާހަގަކޮށް ޞަބާ ބުނީ އެޓީމަށް ވާދަކުރެވޭނެ މެޗުތަކުން ޕޮއިންޓްތައް ހޯދަން ސަމާލުކަންދީގެން މަސައްކަތްކުރަން ޖެހޭކަމަށެވެ. މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުންވެސް ފެނިގެންދިޔައީ އެކަން ހާޞިލްވާނެފަދަ ކަންތައްތައްކަމަށް ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ ބުންޏެވެ.

މެޗުގައި މާޒިޔާގެ ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މާޒިޔާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން އަސަދުﷲ އަބުދުﷲއެވެ. އަސަދުﷲ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީން ސްޓްރީޓްގެ ސާއިފް މާޒިޔާގެ އުމެއިރަށް ކުރި ފައުލާއި ގުޅިގެން ދިން ޕެނަލްޓީންނެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ރަކިޗެވެ. 

ލީގުގައި މިހާތަނަށް މޮޅުވަމުން އަންނަނީ މާޒިޔާއާއި ނިއުރޭޑިއަންޓެވެ. މާޒިޔާއަށް ކުރިއަށް ދެން އޮތީ އޭއެފްސީކަޕްގައި ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާއި އެޤައުމުގައި ވާދަކުރާ މެޗެވެ. މިމެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

ލީގުގައި މިއަދު ހަވީރު ވާދަކުރާނީ އީގަލްސްއާއި ވިކްޓްރީއެވެ. މިރޭ ވާދަކުރާނީ ވެލެންސިޔާއާއި ޓީސީއެވެ. މިރޭގެ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.