ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުން- އިޤްތިޞާދަށް ބޮޑު ކުރިއެރުމެެއް


ރާއްޖެއާ ޗައިނާއާއި ދެމެދު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެފަހުގެ މަޝްވަރާތައް ކާމިޔާބުކަމާއިއެކު ނިންމަވާލައްވައިފިއެވެ.

މި މަޝްވަރާތައް ފައްޓަވާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.

3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި ދެޤައުމުން ވަނީ ވިޔަފާރީގެ މުހިއްމު ކަންކަމުގައި އެއްބަސްވުމާއި ހަމަޔަށް އާދެވިފައެވެ. ދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ އިދާރީ ކަންކަމެވެ.

މަޝްވަރާތައް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖެއާ ޗައިނާއާއި ދެމެދު އެކުލަވާލާ މިނިވަން ވިޔަފާރީގެ ތާރީހީ އެއްބަސްވުމުގައި ޖޫންމަހުގެ ތެރޭގައި ސޮއިކުރެވިގެންދާނޭކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމިނުގެ ސިޔާސަތަކީ ދިވެހިރާއްޖެ އިޤްތިޞާދީގޮތުން އިތުރު ހަރުފަތަކަށް ގެންދެވުންކަމަށެވެ.

މިގޮތުން ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުކުރެއްވުމަކީ ސަރުކާރުން އިޤްތިޞާދު ފުޅާކުރެއްވުމުގެ ގޮތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަސާސްކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމުން ރާއްޖެއިން މަހުގެ ބާވަތްތައް ބޭރުކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ޗައިނާ އާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމުން، މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރުމަށް މިހާރު އޮތް ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނޭކަމަށް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ.

"ޗައިނާއަށް މަހުގެ ބާވަތްތައް ބޭރުކުރުމުގައި އެޤައުމުން އެއްވެސް ޓެރިފެއް ނުވަތަ ޓެކްސްއެއް ނުނަގާގޮތަށް ހަމަޖެހިގެން ދިއުމަކީ ރާއްޖެއިން މަހުގެ ބާވަތްތައް ބޭރުކުރުމުގައި މަސްވެރި ކުންފުނިތަކަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއް" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

 މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ މަންފާ އެންމެބޮޑަށް ކުރާނީ ދިވެހިރާއްޖެއަށް ކަމަށެވެ.