ޚަބަރު

ނޮޅިވަރަމް ދާއިރާގެ މެމްބަރު އެމްޑީއޭއިން ވަކިކުރައްވައިފި


މޯލްޑިވްސް ޑިވޮލެޕްމަންޓް އެލަންސްގެ އެމްޑީއޭއަށް ނިޞްބަތްވާ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަޙްމަދު އަރީފް އެޕާޓީން ވަކިކުރައްވައިފިއެވެ. 

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ ޢަލީ މަޢުރޫފް ވިދާޅުވީ އަރީފް ވަކިކުރެއްވީ އެނާގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ބެލުމަށްފަހުގައިކަމަށެވެ. 

އެނާ ވިދާޅުވީ އަރީފް އެޕާޓީން ވަކިކުރެއްވީ އެމްޑީއޭގެ ޞުލޫކީ މިންގަޑާއި ޚިލާފަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރައްވާތީކަމަށެވެ. 

އަޙްމަދު އަރީފް އެމްޑީއޭއިން ވަކިކުރައްވާފައިމިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި އެނާ ހިމެނިވަޑައިގެންފައިވަނިކޮށެވެ. 

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އަޙްމަދު އަރީފް އެމްޑީއޭއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގައެވެ.