ކުޅިވަރު

6 މިލިއަން ޚަރަދުކުރަންވީ ރެފްރީންނަށް - އާތީ


3 މިލިއަން ރުފިޔާ ދޭންވީ ކްލަބްތަކަށް ނޫންކަމަށާއި، 6 މިލިއަން ޚަރަދުކުރަންވީ ރެފްރީންނަށްކަމަށް ބުނެ، ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު އާތިފް ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި 3-0 ން މިއަދު ނިއުރޭޑިއަންޓް އަތުން ބަލިވި މެޗަށްފަހު މެޗުގެ ރެފްރީ ޒައީމް އަލީއަށް އާތިފް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މެޗާ ގުޅޭ ގޮތުން ސުވާލުކުރުމުން މާބޮޑު ވާހަކައެއް އޭނާ ނުދައްކައެވެ.

" މެޗު ތިނެއް ސުމަކުން ނިއުރޭޑިއަންޓް މޮޅުވީ " މެޗާއި ގުޅޭގޮތުން ސުވާލުކުރުމުން ދިން ޖަވާބަކީ މިއީއެވެ.

ޔޫވީގެ ކުޅުމާއި މެދު ސުވާލުކުރުމުން އާތިފްގެ ވާހަކަ މުޅިންވެސް އަމާޒުކުރީ ރެފްރީންނަށާއި، މިއަދު މެޗުގައި ރެފްރީގެ ނިންމުންތަކަށެވެ.

" ކުޅުމުގެ ވާހަކައެއްނޫން ކަންނޭންގެ ދައްކަންވީ. ރެފްރީންގެ ވާހަކަ ކަންނޭންގެ ދަށްކަންވީ. ކްލަބްތަކަކަށް ނޫން ކަންނޭންގެ ތިން މިލިއަން ރުފިޔާ ދޭންވީ. ރެފްރީން ތަމްރީނު ކުރަން ކަންނޭންގެ ހަ މިލިއަން ރުފިޔާ ޚަރަދުކުރަންވީ. " ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިފަހުރެ އާތިފް ރެފްރީންގެ ވާހަކަ ފެށީވެސް ރެފްރީންގެ ނިންމުންތަކާމެދު ނޫސްވެރިން ސުވާލުވެސް ނުކުރަނީހެވެ.

ރެފްރީގެ ގޯސް ނިންމުންތަކުގެ ތަފްޞީލަށް އެދުމުން އާތިފް ބުނީ އެތަފްޞީލް އޭނާ ދޭން ނުޖެހޭކަމަށާއި، މެޗުން ބަލައިގެން އެކަންކަން ނޫސްވެރިން ހޯދަންޖެހޭކަމަށެވެ. އެކަން ބަލަންޖެހޭނީ ނޫސްވެރިންކަމަށް އޭނާ ބުންޏެވެ.

ރެފްރީންގެ ނިންމުންތަކާމެދު ނިއުރޭޑިއަންޓްގެ ކޯޗުވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް ރެފްރީންގެ ފެންވަރު ދަށްކަމަށް އޭނާ ނުބުނާކަމަށް ތަކުރާރުކޮށް ބުންޏެވެ. ނިއުރޭޑިއަންޓްގެ ކޯޗު ބުނީ މިއަދު މެޗުގައި ރެފްރީ ބަލަން ޖެހޭވަރަށް ނުބަލާކަމަށެވެ. އެގޮތުން ރެފްރީގެ ގޯސް ނިންމުންތައްކަމަށް އޭނާއަށް ފެންނަ ދެތިންކަމެއްވެސް ވަނީ ފާހަގަކޮށްފައެވެ.