ކުޅިވަރު

ސެންޓޭއާއި ގަލާޑޯގެ ކޮމްބިނޭޝަނުން ނިއުއަށް 3 ލަނޑާއި 3 ޕޮއިންޓް


ސްޕެއިންގެ ފޯވާޑް ގަލާޑޯއާއި، މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ގެ ކޮމްބިނޭޝަނާއެކު 3-0 ން ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ނިއުރޭޑިއަންޓް މިއަދު ކުރި ހޯދައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ދެޓީމްގެވެސް ދެވަނަ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމްކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ދެޓީމަށްވެސް ފުރަތަމަ ހާފްގައި ހޫނު ގަދަވުމުގެ ސަބަބުން އުނދަގޫވިކަން ދެ ޓީމްގެ ކޯޗުންވެސް ފާހަގަކުރިއެވެ. 

ދެވަނަ ހާފްގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ގަލާޑޯ ޖެހީ އަލީ ފާސިރު ހުސްކޮށްލާފަ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލުމުން ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. އަލީ ފާސިރު އެބޯޅަ ހޯދީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އޭރިޔާ ބޭރުގައި ހުރި ޑިފެންޑަރު ކުޑޫސްއަށް ދިނުމުން ފަހަތުން އައިސް އޭނާ އަތުން ބޯޅަ ހޯދުމަށްފަހުއެވެ. ސެންޓޭ ބޯޅަ ހޯދީ ކުޑޫސްއަށް ފައުލްކޮށްފައިކަމަށް ޔުނައިޓެޑް ވިކްޓްރީން ވަރަށް ބޮޑަށް މައްސަލަވެސް ޖެއްސިއެވެ. އެއީ ފައުލެއްކަމަށް ދޭހަވާގޮތަށް މެޗަށްފަހު ކޯޗު އާތިފްވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

ނިއުރޭޑިއަންޓްގެ ދެވަނަ ލަނޑު 69 ވަނަ މިނިޓްގައި ޖެހީ ޑިފެންޑަރ މާކޮވިޗް ސްޓެވަންއެވެ. ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން އޭނާ ގޯލްގެ ދުރުކަނަށް ފޮނުވާލީ އަރިމަތީ ދަނޑު ކައިރީގައި ހުރެފައެވެ. އޭގެކުރިން 64 ވަނަ މިނިޓްގައި ނިއުގެ ޖަޕާން މިޑްފީލްޑަރ އޮގާވާ ކުރި ފައުލަށް ރެފްރީ ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދައްކާފައެވެ.

ނިއުގެ ތިންވަނަ ލަނޑު 89 ވަނަ މިނިޓްގައި އަލީ ފާސިރު ޖެހީ ގަލާޑޯ މުޅިން ހުސްކޮށްލާފަ އޭރިޔާ ތެރޭގައި ހުރި ސެންޓޭއަށް ހުސްކޮށްލާފަ ދިނުމުން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. އޭގެކުރިން 79 ވަނަ މިނިޓްގައި މުޅިން ހުސްކޮށް ސެންޓޭއަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

މިމޮޅާއެކު ނިއުއަށް ވަނީ ދެ މެޗުން 6 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް ވިކްޓްރީއަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ. ލީގުގައި މިރޭ ވާދަކުރާނީ މާޒިޔާއާއި ގްރީން ސްޓްރީޓެވެ. މާދަމާ ހަވީރު ވާދަކުރާނީ އީގަލްސްއާއި ވިކްޓްރީއެވެ. އަދި މާދަމާރޭ ވާދަކުރާނީ ޓީސީއައި ވެލެންސިޔާއެވެ.