ވިޔަފާރި

ގެސްޓްހައުސްތަކަށް ދިމާވާ ދަތިތަކަށް އުރީދޫއިން އެހީތެރިވަނީ


ރާއްޖޭގެ ގެސްޓްހައުސްގެ ދާއިރާއަށް ދިމާވާ މުއާޞަލާތީ ދަތިތައް ދިރާސާކޮށް ހައްލު ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޖީއޭއެމްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް، ގެސްޓްހައުސް ދާއިރާ އަށް ޚާއްސަ ޚިދުމަތްތަކުން ޑިސްކައުންޓްތައް އުރީދޫ އިން ދިނުމަށްވަނީ ހަމަޖެހިފައެވެ.

އުރީދޫ ހެޑު އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ވިކްރަމް ސިންހައެވެ. ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޖީއޭއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ކަރަމްއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވީ މި ދިރާސާތަކުގެ އަލީގައި، ގެސްޓްހައުސް ވިޔަފާރިތަކަށް ފައިދާކުރާނެ ސްމާޓް ޚިދުމަތްތައް ފޯރުކޮށްދެވި، ގެސްޓްހައުސްތަކަށް ޒިޔާރަތް ކުރާ ދަތުރުވެރިން ބޭނުންވާ ފެންވަރުގެ ކަނެކްޓިވިޓީ ފޯރުކޮށްދޭނެކަމަށެވެ. އަދި ޖީއޭއެމްގައި ރަޖިސްޓަރ ކުރެވިފައިވާ ކުންފުނިތަކަށް، ގެސްޓްހައުސް ދާއިރާ އަށް ހާއްސަ ޚިދުމަތްތަކުން ޑިސްކައުންޓްތައް އުރީދޫ އިން ފޯރުކޮށްދޭނެ ކަމަށް ވިކްރަމް ވިދާޅުވިއެވެ.

"ގެސްޓްހައުސް ވިޔަފާރިއަކީ މިއަދުގެ ޓުއަރިޒަމް ދާއިރާގެ މުހިންމު ބަޔަކަށް ވުމާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށްވެސް މުހިންމުވެފައިވާ ދާއިރާއެއް. ސްމާޓް ހޮސްޕިޓާލިޓީ ސޮލިއުޝަންތަކުގެ ފައިދާ ފެނި، ދުނިޔޭގެ އެކިހިސާބުތަކުގައި ފުޅާގޮތެއްގައި ބޭނުންކުރަން ފެށިފައިވާއިރު، މިފަދަ ޙިދުމަތްތައް ހެޔޮއަގެއްގައި ދިވެހިރާއްޖޭގެ ގެސްޓް ހައުސްތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ޖީއޭއެމްއާ އެކު ކައިރިން މަސައްކަތްކުރާނަން." އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ކަރަމް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގެސްޓުހައުސްގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި ޖީއެމްއޭގެ މެމްބަރުންނާއި ބައްދަލުކުރުމުގެ މަގުވެސް އުރީދޫއިން މަގުފަހިކޮށްދޭނެ ކަމަށް ކަރަމް ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުން އަންނަ ގެސްޓުހައުސްތަކަށް ގިނަ މުޢާސަލާތީ ދާއިރާތަކުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެވިގެންދާނެ. އަޅުގަނޑުމެންގެ މެމްބަރުންނަށް ވިޒިޓް ކުރުމުގައިވެސް އުރީދޫއިން އެހީތެރިވެދޭނެ." ޖީއޭއެމްގެ ރައީސް އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އުރީދޫގެ އިތުރުވަމުންދާ ބިޒްނަސް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޙިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ކަމާގުޅޭ ތަޖުރިބާކާރުން ގުޅުވާލަދޭ އެންޓަޕްރައިސް ސަޕޯޓް ސެންޓަރެއް ވަނީ އެކުންފުނިން ދާދި ފަހުން ތަޢާރަފްކޮށްފައެވެ.