ޚަބަރު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާބެހޭ ރިޕޯޓް އަންނަމަހު ނެރެނީ


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން "އެމްއެމްޕީއާރުސީ" ހިޔާނާތުގެ މައްސަލަ ތަހްޤީޤުކުރެއްވުމަށްފަހު ނެރުއްވާ ރިޕޯޓް، އަންނަމަހު ނެރޭނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓް އާއްމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހަސަން ލުޠުފީ ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓް ނެރުން ލަސްވަނީ މައްސަލައިގެ ބާވަތުން ކަމަށާއި، އެއީ މިހާތަނަށް އެކޮމިޝަނުން ބަލަމުން އަންނަ އެންމެބޮޑު މައްސަލަކަމަށެވެ. ހަސަން ލުޠުފީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިމިފައިވާކަމަށާއި، މިހާރު ކުރަމުންދަނީ ރިޕޯޓް ނެރުމަށްޓަކައި ކުރަންޖެހޭ ފަހުގެ މަސައްކަތްކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ރިޕޯޓް ނެރެ އާންމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން މި މައްސަލަ ބަލަމުން އަންނަތާ މިހާރު ދޮޅުއަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، މި މައްސަލައަކީ މިހާތަނަށް އޭސީސީން ބަލަމުން އަންނަ އެންމެ ބޮޑު މައްސަލަކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ. އަދި މި މައްސަލައާ ގުޅިގެން ހީނުކުރާވަރަށްވުރު ބޮޑު ތަހުގީގެއް އެކޮމިޝަނުން ކޮށްފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ބާވަތުންނާއި މައުލޫމާތު ހޯދަން ޖެހުނު ގޮތުން ތަހުގީގު އަވަހަށް ނިންމާލުމަށް ދަތިތަކެއް ހުރިކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އޭސީސީން ވަނީ ނުވަ މީހުންގެ ހާއްސަ ޓީމެއް އެކުލަވާލައްވައި، މި މައްސަލައިގެ ތަހުގީގުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަވަނީ އެ ޓީމުންނެވެ.

އޭސީސީން މީގެ ކުރިން ވިދާޅުވެފައިވަނީ އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާ ބޮޑު ތަފާތެއްނެތްކަމަށެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާއަށް ބަޔަކު ވަނީ ހިޔާނާތްތެރިވެފައެވެ.