ސިއްހަތު

ކޮންމެ ސަތޭކައަކުން 16 މީހަކީ ކިޑްނީ ބަލީގެ މީހެއް !


ބައިނަލްއަޤްވާމީ ގޮތުން ކިޑްނީ ދުވަސް ފާހަގަކުރަނީ ކިޑްނީގެ މުހިއްމުކަން ޢާންމުންނަށް އަންގައިދިނުމާއި، ކިޑްނީގެ ބަލިތަކަށް ޢާންމުން ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އެބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ކިޑްނީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ދެވަނަ ބުރާސްފަތިދުވަހެވެ. ދުނިޔޭގައި ކިޑްނީ ދުވަސް ފުރަތަމަ ފަހަގަކުރީ 2006 ވަނަ އަހަރުއެވެ. އެއީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން އާއި، އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީގެ އިސްނެގުމަކަށެވެ.

ދުނިޔޭގައި ކޮންމެ ސަތޭކައަކުން 16 މީހަކީ ކިޑްނީ ބަލީގެ މީހެކެވެ. ކިޑްނީ ބައްޔަކީ ކިޑްނީގެ މަސައްކަތަށް ނުވަތަ ކިޑްނީގެ އުފެދުމަށް ޞިއްޙީ ގޮތުން އެއްވެސް މައްސަލައެއް ކުރިމަތިވެ ކިޑްނީގެ މަސައްކަތްތަށް ފުރިހަމަގޮތުގައި އަދާނުކުރެވުމެވެ.

img:http://s1.psmnews.mv/images/660x400/14890368075935.jpg|ކިޑްނީ ބަލި ހުންނަ މީހަކު ޑައިލިސިސް ހަދަނީ

ކިޑްނީގެ ބަލީގެތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި، ކިޑްނީގައި ސިސްޓް އުފެއްދުމާއި ކިޑްނީން ޕްރޮޓީން ބޭރުވުން ހިމެނެއެވެ. ކުޑަކުދިންނަށް ދިމާވާ ކިޑްނީ ބަލިތަކުގެތެރޭގައި ކުޑަކަމުދިއުމުގެ ތެރޭގައި ކުޑަކަމުދާ ތަކެތި ބޭރަށް ދިއުމުގެ ބަދަލުގައި ކުޑަކަމުދާ ތަކެތީގެ ކޮންމެވެސް ޕަސެންޓެއް އަނބުރާ ކިޑްނީއަށް ދިއުމުން ޖެހޭ ބަލި ފާހަގަކޮށްލެވެއެވެ.

ކިޑްނީ ބަލިތަކަށް މަގުފަހިވަނީ މީހާގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުގެ ސަބަބުންނެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކިޑްނީގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑޮކްޓަރ އިބްރާހީމް ޝިހާމް ވިދާޅުވީ ކިޑްނީ ބަލިތަކަކީ މީހާގެ ދިރިއުޅުމުގެ އާދަތަކާއި ގުޅިލާމެހިފައިވާ ބައްޔެއްކަމަށެވެ.

"ކިޑްނީ ބައްޔަށް ހުށައެޅޭ ގިނަ ކަންތައްތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކަންކަން. އޭގެތެރޭގައި ހަކުރުބަލި، ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ފަލަވުން، ކޮލެސްޓްރޯލް މައްޗަށް ދިއުން، އަދި މިއާއި އެކު އަޅުގަނޑު ފާހަގަކޮށްލަން ދުންފަތުގެ އިސްތިޢުމާލުކުރުން. މިހުރިހައި ކަމަކީވެސް ކިޑްނީ ބައްޔަށް ހުށައެޅިދާނެ ކަންކަން" ޝިހާމް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14890369906864.jpg|

ކިޑްނީ ބައްޔަކީ އެ ބަލީގެ ކުރީކޮޅުގައި ބަލި ދެނަގަނެވޭ މާގިނަ އަލާމާތްތަކެއް ފެންނަ ބައްޔެއް ނޫނެވެ. އެހެންކަމުން ގިނަ ބަލިމީހުން ފަރުވާހޯދަން ފެށެނީ ބަލީގެ އެންމެ ފަހުގެ މަރުޙަލާތަކުގައެވެ. ކިޑްނީ ބަލި ތަޙައްމަލު ކުރާ މީހުން ރާއްޖޭގައި ތިބި ނިސްބަތް ބެލުމަށްޓަކައި ދިރާސާއެއް ކުރެވިފައެއްނެތެވެ. އެހެންނަމަވެސް އައިޖީއެމްއެޗްގައި ސަތޭކަ ހަތްދިހަ އަށް ވުރެ ގިނަ މީހުން ކިޑްނީ ޑައިލެސިސް ޚިދުމަތް ލިބިގަންނަމުންދެއެވެ. ކިޑްނީ ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަށް ފަރުވާ ހޯދުމުގައި ޤަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ މުހިންމުކަމެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14716210237057.jpg|އައި.ޖީ.އެމް.އެޗް ޑައިލިސިސް ސެންޓަރުގައި ބަޔަކު ޚިދުމަތް ހޯދަނީ - ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުގެ އެންމެ ބޮޑު ނަސޭޙަތަކީ ކިޑްނީ ބަލިޖެހުމަށްފަހު ވަރަށް ޤަވާއިދުން އެތެރެހަށީގެ މީހަކަށް ނުވަތަ ކިޑްނީގެ ޚާއްސަ މީހަކަށް ދައްކައިގެން އެމީހުންގެ އިރުޝާދާއި އެކު ކުރިއަށް ދިއުން. އެހެންމީހަކަށް ދޭ އިރުޝާދާއި އެއްގޮތަށް ކަންތައް ކޮށްގެން ބައެއް ފަހަރު ނޭދެވޭ ނަތީޖާ ނުކުމެދާނެ. ބައެއް މީހުން ގިނައިން ފެން ބޯން ޖެހޭއެރު އަނެއް ބައި މީހުން ފެން ބޯން ޖެހެނީ މަދުން." ޑރ ޝިހާމް ވިދާޅުވިއެވެ. 

ކިޑްނީ ފެއިލްވާ މީހުން ތަޙައްމަލު ކުރަމުންދަނީ ވަރަށް ބޮޑު ވޭނެކެވެ. ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ކިޑްނީ ނުލިބިގެން އެފަދަ އެތައް ބަޔަކު ވަރަށް ހާލުގައި ދިރިއުޅެމުންދެއެވެ. އަނެއްބަޔަކު ޑައިލިސިސް ހެދުމަށް މުޅި ޢުމުރުގައި ވަރަށް ބޮޑު ހޭދަކުރަންޖެހެއެވެ. އެހެންކަމުން ކިޑްނީ ބަލިތައް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުން މުޙިއްމެވެ.