ކުޅިވަރު

ގްރީން ސްޓްރީޓް ބަލިކުރަން މާޒިޔާއަށް އުނދަގޫވާނެ - ސެކުލޮސްކީ


ގްރީން ސްޓްރީޓް ބަލިކުރަން ފަސޭހަ ނުވާނެކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފިއެވެ.

 އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ގްރީން ސްޓްރީޓް ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނީ އަލަށް ފުރަތަމަ ޑިވިޝަންގައި ގްރީން ސްޓްރީޓްއިން ވާދަކުރި ކަމުގައި ވީނަމަވެސް އެޓީމްގެ ކުޅުމަށް ބަލާފަ، އެއީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމެކޭ ބުނެވެން ނެތްކަމަށެވެ. ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނަށް ބަލާއިރު، ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ގިނަ ކުޅުންތެރިން އެޓީމްގައި އެބަތިބިކަމަށާ އަދި ތަޖްރިބާ ވަރަށް ގިނަ ކުޅުންތެރިންވެސް އެޓީމްގައި އެބަތިބިކަމަށެވެ. މާޒިޔާގެ ކޯޗް ސެކުލޮސްކީބުނީ މާޒިޔާއަކީ އެއްވެސް ބައެއް ދެކެ ޖެހިލުންވާނެ ޓީމެއް ނޫންކަމަށާ ނަމަވެސް މާޒިޔާއިން ގްރީން ސްޓްރީޓްއަށް އިޚުތިރާމް ކުރާނެކަމަށެވެ. އަދި މާޒިޔާއިން ގްރީން ސްޓްރީޓްސް މެޗް އެއްވެސް ވަރަކަށް ފަސޭހަކޮށް ނުލާނެކަމަށްވެސް މާޒިޔާގެ ކޯޗް ސެކުލޮސްކީބުންޏެވެ.

"ގްރީން ސްޓްރީޓްއަކީ ތަޖްރިބާކާރު ގިނަ ކުޅުންތެެރިން އެކުލެވޭ ޓީމެއް. އަދި އެޓީމްގައި ހުރީ ރާއްޖޭގެ ކޯޗުންގެ ތެރެއިން އެންމެ ރަނގަޅު އެއް ކޯޗް. ޓީމެއްގެ ގޮތުގައި ގްރީން ސްޓްރީޓް އަންނައީ ކުރިއެރުންތަށް ހޯދަމުން. އަހަރުމެން އެންމެ ބޮޑަށް ވިސްނާނީ އިދިކޮޅު ޓީމަށް ވުރެއް މޮޅަށް މާޒިޔާގެ ކުޅުންތެރިން ލައްވާ ކުޅުވަން. މެޗް ފަސޭހައެއް ނުވާނެ، މަޒިޔާކަމަށް ވީނަމަވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މެޗް ކާމިޔާބު ކުރެވޭނީ." މާޒިޔާގެ ކޯޗް މަރަޔާން ސެކުލޮސްކީ ބުންޏެވެ.

ގްރީން ސްޓްރީޓްސް ކޯޗް ސޮބާހު މުހައްމަދުބުނީ މާޒިޔާއަކީ މިސީޒަންގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމްކަމެވެ. ހާއްސަކޮށް މިސީޒަންއަށް ތައްޔާރުވެފައިވާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ތައްޔާރުވެ، ކުޅުންތެރިންވެސް އެންމެ ރަގަނޅު ޓީމަކީ މާޒިޔާ ކަމަށް ސެކުލޯސްކީ ބުންޏެވެ. މިދިޔަ އަހަރުގެ ލީގް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ގްރީން ސްޓްރީޓް ނިކުންނައިރު، މިއީ ގްރީން ސްޓްރީޓް ކުޅޭ އެންމެ ވަރުގަދަ މެޗްކަމަށް ސޮބާޙު މުހައްމަދުވަނީ ސިފަކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14889868224859.jpg|އެސްޓީއޯ މާލޭ ލީގްގެ ޕްރީ މެޗް ޕްރެސްކޮންފަރެންސްގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް)

"އަޅުގަނޑުއެއްވެސް މެޗަކަށް ނުދާނަން ހުސްއަތާ އަނބުރާ ގެއަށް ދާކަށް. ކޮންމެ މެޗަކަށްވެސް ދާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން، އަދި ހާއްސަކޮށް މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ނިކުންނާނީ ސީޒަންގެ އެންމެ ވަރުގަދަ މެޗްކަމަށް ދެކިގެން. މާޒިޔާގަައި މިވަގުތު ހުރީ ރާއްޖޭގައި ހުރި އެންމެ މޮޅު ބިދޭސީ ކޯޗް. މަޒިޔާ މިއަހަރުގެ ސީޒަންގެ އިތުރުން އެޓީމްވަނީ އޭއެފްސީކަޕަށްވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފަ. " ސޮބާޙު މުހައްމަދު ބުންޏެވެ.

ގްރީން ސްޓްރީޓްއިންވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗް ވިކްޓްރީއާ ވާދަކޮށް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައެވެ. އަދި 2ވަނަ މެޗް ކުލަބް ވެލެންސިޔާއާ ވާދަކޮށް 1 ލަނޑު 1 ލަނޑުންވަނީ އެއްވަރުވެފައެވެ. މިމެޗް ފަށާނީ މިރޭ 21:00 ގައެވެ.