ޚަބަރު

ދިވެހި ދިދަ ބޭނުންކުރުމާބެހޭ އުޞޫލު ސަރުކާރުން ނެރުއްވައިފި


ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާބެހޭ އުޞޫލު ސަރުކާރުން މިއަދު ނެރުއްވައިފިއެވެ. 

މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން މިއަދު ގެޒެޓުގައި ޢާންމުކުރެއްވި މި އުޞޫލުގެ ބޭނުމަކީ، ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށްޓަކައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތާއި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅުއްވައި އެކަން ތަންފީޒުކުރެއްވުމެވެ.

މި އުޞޫލުގައި ދިދައިގެ ސިފަތަކާއި ކުލަތަކާއި މިންތަކާއި ދިދަ ބޭނުންކުރަންޖެހޭ ހަމަތައް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި ދިދަ އާންމުކޮށް ނަގާފައި ބެހެއްޓޭނެ ތަންތަނާއި ވަގުތާއި ޙާލަތާއި އަދި ޚާއްޞަ މުނާސަބަތުތަކުގައި ދިދަ ބޭނުންކުރެވޭނެ ގޮތްތައްވެސް ބަޔާންކުރައްވާފައިވެއެވެ.

ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާބެހޭ އުޞޫލެއް އަލުން ސަރުކާރުން އެކަށައަޅުއްވައި މި ޢާންމުކުރެއްވީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙުކުރައްވައި، އެ މަޝްރޫޢު ތަންފީޒުކުރައްވަން ފެށްޓެވިތާ 3 ވަނައަށްވީ ދުވަހުއެވެ.