ވިޔަފާރި

މިނިވަން ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ކާމިޔާބު- ސައީދު


ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރެއިން އެއްކަމަކީ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް ރައީސް ޔާމީންގެ ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.

ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން، އެންމެ ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެއްވުމަށް މަސައްކަތް ފަށްޓަވާފައިވަނީ ޗައިނާއާއެކުއެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެބޮޑު އެއް ކޮންސިއުމަރ މާރކެޓެވެ. ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަށްޓަވާފައިވާއިރު، މިހާރު ކުރިއަށްދަނީ އެންމެފަހުގެ ވާހަކަތަކެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ މެދުގައި އެކަށައެޅުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ޗައިނާއާއެކު ކުރިއަށްދާ މިނިވަން ވިޔަފާރީގެ މުޢާމަލާތްތައް ވަރަށް ކާމިޔާބުކަމަށެވެ.

img:http://s2.psmnews.mv/images/660x400/14640806064546.jpg|ރާއްޖެއިން ޗައިނާއާއިއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމާއިގުޅޭގޮތުން ބާއްވަމުންދާ މަޝްވަރާތަކުގެ ތެރެއިން- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ފަހުބުރުގެ ވާހަކަތައް މިހާރު ކުރިއަށްދާއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ. މިގޮތުން މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާވާ ދާއިރާތަކަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނޭކަމަށް މިނިސްޓަރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މިނިވަން ވިޔަފާރީގެ މުހިއްމުކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢިދު ވިދާޅުވީ، ޗައިނާއާއެކު ޤާއިމްކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޚާއްޞަގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތުގެ ވިޔަފާރީގައި ޙިއްޞާވާ ފަރާތްތަކަށާއި ކުންފުނިތަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށެވެ.

"ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމުން ރާއްޖެއިން މަހުގެ ބާވަތްތައް ބޭރުކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައި އޮތްއޮތުމަށް މިނިވަންވިޔަފާރީގެ އެއްބަސްވުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކަށައެޅުއްވުމަކީ އޭގެ ޒާތުގައި ބުރަ މަސައްކަތެކެވެ. ސަރުކާރުން ލަފާކުރައްވާގޮތުގައި މިއަހަރުގެ ކުރީކޮޅު ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

ޗައިނާގެ އިތުރުންވެސް ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. މީގެތެރޭގައި ހޮންގކޮން، ޖަޕާން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ފާހަގަކޮށްލެވެއެވެ.