ޚަބަރު

"މުޖުތަމަޢުގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރަންޖެހޭ"


އަންހެނުން މަދު ދާއިރާތައް ދެނެގަނެ، އެފަދަ ދާއިރާތަކަށް އަންހެނުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، އަންހެނުން ބާރުވެރިކޮށް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް އަންހެނުން ހެއްދެވުމަށާއި، އެކި ދާއިރާތަކުގައި ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަކީވެސް ސަރުކާރުން އިސްކަންދެއްވާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ނޭޝަނަލް ޖެންޑަރ ޕޮލިސީ، ޤާނޫނާ އެއްގޮތްވާގޮތަށް އިޞްލާޙްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މިދިޔަ މަހުގެ ތެރޭގައި ޢަމަލުކުރަން ފަށާފައިވާ 'ޖެންޑަރ އީކުއަލިޓީގެ ޤާނޫނު' އަކީވެސް، ރާއްޖޭގެ އަންހެނުންނަށް މުޖުތަމަޢުގެ އެކި ދާއިރާތަކުގައި، ޚާއްސަގޮތެއްގައި ވަޒީފާގެ މައިދާނުގައި، ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ޔަޤީން. މިޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމާ ގުޅިގެން، ކަމާބެހޭ މުއައްސަސާތަކާއި އިދާރާތައް އަހުލުވެރިކުރުވުމަށްޓަކައި މިނިސްޓްރި އޮފް ޖެންޑަރ އެންޑް ފެމިލީން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން. މީގެ އިތުރުން، މި ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުކޮށްފައިވާ ނޭޝަނަލް ޖެންޑަރ ޕޮލިސީ، ޤާނޫނާ އެއްގޮތްވާގޮތަށް މިހާރު މިދަނީ އިސްލާހުކުރަމުން. އަދި މި ސިޔާސަތު ޤައުމީ ފެންވަރުގައި ތަންފީޒްކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ." މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ރާއްޖެއަށް ބަލާލިނަމަވެސް، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާ މައްސަލަތަކުގައި އަނިޔާ ލިބޭ އަންހެންކުދިންގެ އަދަދު އިތުރުކަމަށާއި އަދި ވަކިން ޚާއްޞަކޮށް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ އަންހެންކުދިންގެ އަދަދު، ނިސްބަތުން ގިނަކަމަށެވެ. އަދި މިފަދަ ކަންކަމާމެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، ކުދިން ބާރުވެރިކުރުވުމަކީ އެންމެންގެ ޒިންމާއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންހެނުންނަށް މުޖުތަމަޢުއިން ހަމަހަމަ ފުރުޞަތު ލިބެންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ޙާޞިލްކޮށްގެން މަތީ ވަނަތައް ހޯދާ އަންހެންކުދިންގެ އަދަދު ނިސްބަތުން ގިނަކަމަށާއި ނަމަވެސް އެކި ދާއިރާތަކުގައި ކަންކަން ނިންމާ ފެންވަރުގައި ތިބި އަންހެނުންގެ އަދަދު ރާއްޖޭގައި ނިސްބަތުން އަދިވެސް މަދުކަމަށެވެ.

އަންހެނުންގެ ދުވަހަކީ 1975 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރުގައި އަލިއަޅުވާލާފައިވަނީ މަސައްކަތުގެ ދާއިރާގައި އަންނަ ބަދަލުތަކުގައި އަންހެނުންގެ ދައުރާއި ޙިއްޞާ އިތުރުކޮށް، ހަމަހަމަކަމާއެކު ބައިވެރިވުމެވެ.