ވިޔަފާރި

"އެކްސްޕީރިއެންސް މޯލްޑިވްސް ޑޭ" މެލޭޝިއާގައި ފަށައިފި


ރާއްޖޭގެ ފަތުރުވެރިކަން އަދި ސަޤާފަތް ދައްކާލުމަށް "އެކްސްޕީރިއެންސް މޯލްޑިވްސް ޑޭ" ގެނަމުގައި ޙަރަކާތެއް މެލޭޝިއާގައި ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން ޓައިޕް ރައިޓާ ޕްރައިވެޓު ލިމިޑެޓުގެ ފަރާތުން އިންތިޒާމު ކުރާ މި ޙަރަކާތް ފަށާފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން މެލޭޝިއާގެ ނޮޓިންގ ހަމް ޔުނިވަރސިޓީގައި ވަނީ ރާއްޖޭގެ ސަޤާފީ ޙަރަކާތްތަކާއި އެކު މިއުޒިކް ޝޯވއެއް ބާއްވާފައެވެ. 

އެ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށްވެސް ހުޅުވާލައިގެން ކުރިއަށްދިޔަ މި ޙަރަކާތުގެ ތެރެއިންވަނީ ލަކީ ޑްރޯއެއް ނަގާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދީފައެވެ.

މިމަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "އެކްސްޕީރިއެންސް މޯލްޑިވްސް ޑޭ" ގައި މެލޭޝިއާގެ އިތުރު ހަތަރު ޔުނިވަރސިޓީއެއްގައި ރާއްޖޭގެ ސަޤާފީ އަދި ދިވެހި މިއުޒިކުގެ ޙަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ޔުނިވަރސިޓީއެއްގައިވެސް ލަކީ ޑްރޯއެއް ނަގާ އޭގެން ހޮވޭ ފަރާތަކަށް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ އެގާރަވަނަ ދުވަހު މެލޭޝިއާ ޓޫރިޒަމް ސެންޓަރުގައި ދިވެހި މިއުޒިކާއި އެކު، ދިވެހި އަތްތެރި މަސައްކަތްތައް އަދި ދިވެހި ކެއުންތައް ދައްކާލުމަށް ޙާއްޞަ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި "އެކްސްޕީރިއެންސް މޯލްޑިވްސް ޑޭ" ނިމިގެންދާނީ އެ ރޭ ބާއްވާ ޙާއްސަ ގާލާ ކޮންސެޓަކާއި އެކު ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.