ވިޔަފާރި

ފްރީޓްރޭޑް އެއްބަސްވުމަކީ ދުނިޔެއަށް ނަމޫނާއެއް- ސައީދު


ދިވެހިރާއްޖެއާއި ޗައިނާއިން ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދުނިޔޭގެ ޤައުމުތަކަށްހުރި ނަމޫނާއެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.ދިވެހިރާއްޖެއާއި ޗައިނާއާއި ދެޤައުމުން ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޝްވަރާތައް ފެށްޓެވުމުގެގޮތުން ބަނޑޮހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، މިއެއްބަސްވުމަކީ އިޤްތިޞާދީގޮތުން ދުނިޔޭގެ އެންމެ ކުޑަ ޤައުމާއި ދުނިޔޭގެ އެންމެ ބޮޑު ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްކަމަށެވެ.

" މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުން ދުނިޔެއަށް އަންގައިދެނީ ދެ ޤައުމެއްގެ ދެމެދުގައި އިޤްތިޞާދީގޮތުން ކިތަންމެބޮޑު ފަރަޤެއް އޮތްނަމަވެސް، ގުޅިގެން މަސައްކަތް ކުރެވިދާނެކަން" އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްގެންދަވާނީ މާދަމާގެ ނިޔަލަށެވެ. މިމަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް މަންދޫބަކީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ. ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރެއްވުމަށް ދިވެހިރާއްޖެއާއި ޗައިނާއިން ކުރިއަށްގެންދިޔަ ވާހަކަތަކުގައި ރާއްޖެއިން ބޭރުކުރާ މަހާއި، ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ވަނީ އެއްބަސްވެފައެވެ.ފްރީ ޓްރޭޑް އެއްބަސްވުމާއި ބެހޭގޮތުން މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ޗައިނާއާއި ދިވެހިރާއްޖެއިން ޤާއިމްކުރާ ފްރީ ޓްރޭޑް އެއްބަސްވުމުގައި އަންނަ ޖޫން މަހު ސޮއިކުރެވޭނެކަމަށެވެ. ޗައިނާގެ އިތުރުންވެސް ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތާއި، ޖަޕާނާއި އެމެރިކާ ހިމެނެއެވެ.