ކުޅިވަރު

އެފްއޭއެމްއިން ޓީސީގެ ކާމިޔާބީ ފާހަގަކޮށްފި


ދިވެހި ކްލަބަކުން ރާއްޖެއިން ބޭރުގެ މުބާރާތަކުން ހޯދި ފުރަތަމަ ތައްޓާއެކު، ޓީސީ ސްޕޯރޓްސް ކްލަބުން ރާއްޖޭގެ ފުޓްބޯޅައަށް ހޯދައިދިން ފަޚްރުވެރި ކާމިޔާބީ އެފްއޭއެމްއިން ފާހަގަކޮށްފިއެވެ.

އެފްއޭއެމްއިން ވަނީ ރޭ އެއިދާރާގެ ދޮރުމަތީގައި ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ޓީސީ މިހޯދި ކާމިޔާބީގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް އޭގެ ހެޔޮއަސަރުކޮށް، ފޯރި ގަދަވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މިއީ އެންމެންވެސް އުފާކުރަން ޖެހޭވަރުގެ ކާމިޔާބީއެއްކަމަށާއި، ޓީސީގެ ކުޅުންތެރިންނާއި، ކޯޗާއި، މެނޭޖްމަންޓަށް މަރުހަބާކިޔާކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ. މިކާމިޔާބީ ބައްސާމް ސިފަކުރައްވަނީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފައިވަނީ މިއީ މުޅި ރާއްޖެއަށް، ދިވެހި ފުޓްބޯޅައަށް ޓީސީން ހޯދައިދިން ކާމިޔާބީއެއްކަމަށެވެ. ޓީސީން ނިންމާފައިވަނީ ކްލަބުން ހޯދި ތަށި ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރާށެވެ. އަދި ރަން މެޑަލް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވަށެވެ. އެއީ ސިލްވަރ ނުވަތަ ގޯލްޑް ހޯދުމަށް ރައީސް އެކްލަބްގެ ކުޅުންތެރިންނާއި، ކޯޗުން އަދި މެނޭޖްމަންޓްގެ ކިބައިން އެދިވަޑައިގަންނަވާ، އެކަމަށް ހިތްވަރުދެއްވާފައިވާތީ ކަމަށް ޓީސީން މައުލޫމާތުދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ މައިދާނުގައި ވާދަކުރައްވައި ރާއްޖެއަށް ސިލްވަރ ނުވަތަ ގޯލްޑް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުޅުންތެރިންނަށް އިލްތިމާސްކުރައްވާފައެވެ.